ޚަބަރު

ކޯވިޑް-19 : ޙަރަމްފުޅުން އިވޭ ރުއިމުގެ އަޑު، ހިތްދަތި އިޙްސާސެއް!


ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުސްލިމުންގެ އެންމެ މުޤައްދަސް ދެ ޙަރަމް ކަމަށްވާ، މައްކާގެ މާތްވެގެންވާ މަސްޖިދުލްޙަރަމާއި މަދީނަތުލްމުނައްވާރާގައި ހުންނަ މަސްޖިދުއްނަބަވީގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލައި ބަންދުކުރުމަކީ މުޅި އިސްލާމީ އުންމަތަށް ލިބިގެންދިޔަ ހިތްދަތިކަމެކެވެ. މި ފިޔަވަޅާއެކު ސަޢުދީ ޢަރަބިއްޔާގެ މިދެންނެވި މާތް ދެބިމުން ފެނިގެންދިޔައީ ބަޔާންކުރަން ދަތި ފަޅުކަމެކެވެ.

މައްކާގެ މާތްވެގެންވާ ޙަރަމްފުޅު ބަންދުކުރިނަމަވެސް ފަރުޟު ނަމާދުތަކުގެވަގުތު ބަންގީގެ އަޑު ގުގުމަމުންދެއެވެ. އަދި އިމާމު ގެންދަވަނީ އަޑުގަދަކުރާއިން ދުރަށް އަޑުއިވޭހެން ފަރުޟު ނަމާދުވެސް ކުރައްވަމުންނެވެ.

މައްކާގެ މާތްވެގެންވާ ޙަރަމާއި އެތަނުގައި ހުންނަ ކައުބަތުﷲ ގެފުޅަކީ ހައްޖާއި ޢުމްރާގެ އަޅުކަމުގެ ދުވަސްވަރު ނޫނަސް އަބަދުވެސް އެތައް ސަތޭކަބަޔަކު ޖަމާވެ ނަމާދާއި ޠަވާފާއި، އަޅުކަމުގައި ވަގުތު ހޭދަކުރާ ތަނެކެވެ. މިތަނުގައި ކުރާ ނަމާދުގެ ޘަވާބާއި ދަރުމަ އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ އެތައްގުނައެއް އިތުރުވެގެންދެއެވެ. ޙަރަމްފުޅުގައި ނަމާދުކުމަށް އެތައްބަޔަކު އަބަދުވެސް ޖަމާވެފައި އޮންނަ ސަބަބަކީ މިއީއެވެ. އަދި އެތަނުގައި ޖަމާޢަތުގައި ކުރާ ނަމާދުގެ ދަރުމަ ވަކިންބޮޑުކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.

މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ޞިއްޙީ މުސީބާތް، ކޯވިޑް-19ގެ ނުރައްކާތެރިކަން މުޅި ދުނިޔެއަށް ބޮޑުވެ ބަލި ފެތުރުން ކޮންޓްރޯލްނުވެ ބަލީގައި މަރުވާ މީހުންދަނީ ބާރުސްޕީޑެއްގައި އިތުރުވަމުންނެވެ. މިބަލިން ރައްކާތެރިވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މުސްލިމުންގެ އެންމެ މުޤައްދަޘް ދެ ޙަރަމްގައި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައި ދެމިސްކިތް ބަންދުކޮށްފައިވަނީ މިމަހުގެ 20ވަނަ ދުވަހުއެވެ.

އެންމެބޮޑު ޖަމާޢަތަކާއެކު ނަމާދުކުރަމުންދިޔަ ޙަރަމްފުޅު ބަންދުކޮށް، މުޅި މިސްކިތް ހުސްކޮށްއޮވެ އެތަނުގައި ނަމާދުކުރަންޖެހުމަކީ މިސްކިތުގެ އިމާމަށް ވަރަށް ފުން އަސަރުތަކެއް ކުރުވާކަމަކަށްވަނީ ވެފައެވެ. ނަމާދުގައި ކިޔަވާވިދާޅުވާއިރު، އިމާމަސް ކީރިތިކުރެެއްވޭ އަޑާއި ކޮށްފައިވާ އަސަރު އަޑުން ހާމަވެއެވެ. މިއަޑާއެކު މުޅި އިސްލާމީ އުންމަތް ފެންކަޅިވެ ގިސްލައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް މުޅި އިސްލާމީ މުޖުތައުމުގެ ބޮޑެތި ޤައުމުތަކުގައިވެސް ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. ދުނިޔޭގެ ވަރަށްގިނަ އިސްލާމީ ޤައުމުތަކުގައިވެސް މިވަގުތު މުސްލިމުންނަށް އެންމެ ހިއްދަތި އިޙްސާސެއް ތަހައްމަލު ކުރަންޖެހުފައިވާ އެއްކަމަކީ ފަރުޟު ނަމާދުތައް ޖަމާއަތުގައި މިސްކިތްތަކުގައި ކުރުމުގެ ނަސީބުން މަހުރޫމްވުމެވެ. އެހެންނަމަވެސް މިއީ މިފަދަ ސިއްޙީ މުސީބާތެއްގެ ތެރޭގައި އެޅުމަށް އިސްލާމްދީން ބާރުއަޅާ ފިޔަވަޅުތަކެއްކަން ޢިލްމުވެރިން ބަޔާންކުރައްވައެވެ.

ބަލިމަޑުކަމުގެ މި މުޞީބާތުން އަރައިގަތުމަށް ކުރަންވީ އެންމެ މުހިންމުކަމަކީ ގިނަގިނައިން މާތް ﷲ ހަނދުމަކޮށް ދުޢާދެންނެވުމެވެ. ގޭގައި ނަމާދުކުރުމަކީ މިވަގުތު މުސްލިމުންނަށް އޮތް ގޮތެވެ.