ވިޔަފާރި

ކޯޓާގެ މުއްދަތު އިތުރުކުރުމާއި އެންޕްލޯއިމަންޓް އެޕްރޫވަލްގެ ޚިދުމަތް ލިބޭނެ: އިކޮނޮމިކް މިނިސްޓްރީ


އިތުރު ހަފްތާއަކަށް ސަރުކާރު ބަންދުކުރިނަމަވެސް އެކްސްޕެކްޓް އޮންލައިން ސިސްޓަމުން ދޭނެ ޙިދުމަތްތައް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، އެކްސްޕެކްޓް އޮންލައިން ސިސްޓަމުން ދެމުންދިޔަ ކޯޓާގެ މުއްދަތު އިތުރުކުރުމާއި އަދި އެންޕްލޯއިމަންޓް އެޕްރޫވަލްގެ ޙިދުމަތް ސަރުކާރު ބަންދުކުރި ނަމަވެސް މެދުނުކެނޑި ލިބެމުންދާނެކަމަށެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މި ޙިދުމަތް ދިނުމަށް ނިންމީ ބައެއް ފަރާތްތަކަށް ދޫކޮށްފައިވާ ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދައިގެ މުއްދަތު ހަމަވެއްޖެނަމަ އެކަމުގައި ދަތިތަކެއް ކުރިމަތިވެދާނެތީކަމަށެވެ.

ސަރުކާރުން މިހާރު ވަނީ އެޕްރީލް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ކޯޓާގެ މުއްދަތު އިތުރުކުރުމާއި އަދި އެންޕްލޯއިމަންޓް އެޕްރޫވަލްގެ ޙިދުމަތް މާރޗް 29 އިން ފެށިގެން އޭޕްރީލް 2 ވަނަ ދުވަހުގެ ނިޔަލަށް ހަފްތާ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10 އަކުން މެންދުރު 12 ޖެހުމާއި ހަމައަށް ލިބޭނެކަމަށެވެ. ނަމަވެސް އެކްސްޕެކްޓް އޮންލައިން މެދުވެރިކޮށް އިކޮނޮމިކް މިނިސްޓްރީން ދެމުންދިޔަ އެހެން ޙިދުމަތްތައް ވަނީ ސަރުކާރު ބަންދުވުމާއި ގުޅިގެން ވަގުތީގޮތުން މެދުކަނޑާލާފައެވެ.