ވިޔަފާރި

އައްޑޫގެ ފިހާރަތަކާއި ކެފޭ، ރެސްޓޯރަންޓްތައް ހުޅުވާފަ ހުންނަ ގަޑިއަށް ބަދަލުތަކެއް


އައްޑޫ ސިޓީގައި އާންމު ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތު ސިޓީ ކައުންސިލުން އާންމުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، ކޯވިޑް19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޞިއްޚީ ޚިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި އާންމު ޚިދުމަތް ދޭ ތަންތަނުގެ ތެރޭގައި ހިމެނޭ ފިހާރަތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން މިއަދުން ފެށިގެން ހުޅުވާފައި ބެހެއްޓޭނީ އިރުއޮއްސި 6 ޖަހަންދެންކަމަށެވެ.

މި އުސޫލުގެ ދަށުން އައްޑޫގައި ހުރި ފިހާރަތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން މިއަދުން ފެށިގެން ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 6 އިން އިރުއޮއްސި 6 ޖަހަންދެންނެވެ. ނަމަވެސް ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާނަމަ، އަވަށު އޮފީހުން ހުއްދަ ހޯދުމަށްފަހު، އިރުއޮއްސި ހަޔަކުން ރޭގަނޑު ދިހައެއް ޖަހަންދެން ޑެލިވަރީގެ ޚިދުމަތް ފޯރޮކޮށްދެވިދާނެ ކަމަށް ސިޓީ ކައުންސިލުންވަނީ ހާމަކުރައްވާފައެވެ. އަދި 24 ގަޑިއިރު ޚިދުމަތްދޭ ތަންތަނުން މި އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގެ އިތުރަށް ޚިދުމަތް ދޭންބޭނުންވާ ނަމަ އަވަށު އޮފީހުން ޚާއްސަ ހުއްދައެއް ހޯދަންވާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، ގާޑިޔާތަކުގެ ޚިދުމަތް ދޭނީ، ހުއްދަ ދެވޭ ފެންވަރުގެ އަތްދޮވުމުގެ އިންތިޒާމް ހަމަޖެއްސުމަށްފަހުގައިކަމަށެވެ. އަދި ގާޑިޔާތަކުގައި ތައްޔާރު ކޮށްގެން ވިއްކާ ހެދިކާ، މަސްކާށި، ކޮފީ ފަދަ ތަކެތި ވިއްކުން ވަނީ މަނާކޮށްފައެވެ. މީގެއިތުރުން ގޮނޑި، ޖޯލި ފަދަ ތަކެތި ބަހައްޓައިގެން ގާޑިޔާތަކުގައި ޚިދުމަތްނުދެވޭނެކަމަށާއި، ކެފޭ، ރެސްޓޯރަންޓް އަދި ގާޑިޔާ ތަކުގައި ދުފާ ތަކެތި، ވިއްކަންވާނީ ވަކިން ޕެކެޓް ކޮށްގެން ކަމަށްވެސް ސިޓި ކައުންސިލުންވަނީ ކަނޑައަޅާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅޭނެކަމަށެވެ. ކޯވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރަންޓުތަކުގެ ޚިދުމަތްވެސް ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.