ޚަބަރު

ހެވިކަމާއި ކުޅިވަރު ޙަރަކާތް ފަސްކޮށްފި


މިމަހުގެ ހަތާވީސްވަނަ ދުވަހު ރަސްމީ ދަނޑުގައި ބޭއްވުމަށް
ހަމަޖެހިފައިވާ މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ޖުލައި
އެއްތިރީސްވަނަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.



ހޯމް މިނިސްޓަރ ޢުމަރު ނަސީރު ކުރެއްވި ޓްވީޓެއްގައި
ވިދާޅުވެފައިވަނީ މި އިވެންޓް ފަސްކުރަންޖެހުނީ މިދުވަސްވަރަކީ މޫސުން ގޯސް
ދުވަސްވަރަކަށް ވުމާއެކު އެރޭ އިވެންޓް ބާއްވަން މޫސުން ތަންނުދޭނެ ކަމަށް
ލަފާކުރެވޭތީ ކަމަށެވެ.

ޓީވީއެމަށް ދެއްވި ބަސްދީގަތުމެއްގައި ހޯމް މިނިސްޓަރުގެ ނައިބު އަޙްމަދު ސަލީމް ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ގޮތުން 31ވަނަ ދުވަހުގެރޭ އިވެންޓް ބާއްވަން ނިންމާފައިވީ ކަމުގައި ވިޔަސް ރިހާސަލްތައް ކުރިއަށް ދާނެ ކަމަށެވެ. އަދި މިމަހުގެ 30ވަނަ ދުވަހުގެ ފައިނަލް ރިހާސަލް ބާއްވާނެ ކަމަށެވެ. 

މިއިވެންޓަށް މިހާރު ވަރަށްބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި އިވެންޓްގެ ކަވަރޭޖް ގެނެސްދޭނީ އެޗްޑީކޮށް ކަމަށާއި އެހެންކަމުން ޓީވީން ބައްލަވަން ތިއްބަވާ ބޭފުޅުންނަށްވެސް ވަރަށް ފުރިހަމަ މަނޒަރުތަކެއް ފެނިވަޑައިގަންނަވާނެ ކަމަށެވެ. ކުޅިވަރު ބަލާލުމަށް ދަނޑަށް ބާރަހާސް މީހުންނަށް ވަދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި އަދިވެސް އިތުރު ގޮނޑިތައް ޖަހާ ޖާގަ އިތުރުކުރަމުންދާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ. 

މާލޭގެ ހަތަރު ސަރަޙައްދެއްގައި ބޮޑު ސްކްރީން ބަހައްޓައިގެން ކުޅިވަރު ބަލާލުމުގެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.