ވިޔަފާރި

ކޯވިޑް-19 : ގެސްޓްހައުސް ވިޔަފާރިއަށް 29 މިލިއަން ޑޮލަރުގެ ގެއްލުން


ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިއަށް 28.9 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގޭމްއިން ލަފާކޮށްފިއެވެ.

ގޭމުން ވަނީ ކޯވިޑް-19 ގެ ސަބަބުން ގެސްޓްހައުސް ވިޔަފާރިއަށް ކުރާ އަސަރު ދެނެގަތުމަށް ޚާއްސަ ދިރާސާއެއް ކުރިއަށްގެންގޮސްފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެކްސްކާޝަންތައް ހުއްޓާލުމަށް އަންގާފައިވާއިރު ގެސްޓްހައުސްތައް މިހާރު ވަނީ ލޮކްޑައުންގެ ހާލަތުގައެވެ. ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ގޭމްއިން ވަނީ ރާއްޖޭގެ ގެސްޓްހައުސްތަކަށް ދިމާވެފައިވާ ހާލަތު ބެލުމަށް ޚާއްސަ ދިރާސާއެއް ކުރިއަށްގެންގޮސްފައެވެ.

މި ދިރާސާ ނިންމާލާފައިވާއިރު މި ދިރާސާ މެދުވެރިކޮށް ރާއްޖޭގެ ގެސްޓްހައުސްތަކަށް ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކެއް ހާމަވެފައިވާކަމަށް ގޭމްއިން ބުނެއެވެ.

ރާއްޖޭގެ 600 ގެސްޓްހައުސްގެ ތެރެއިން 441 ގެސްޓްހައުސްއަކުން މި ދިރާސާގައި ބައިވެރިވެފައިވެއެވެ. މީގެ ތެރއިން %66 އަކީ ލޯނު ނަގައިގެން ގެސްޓްހައުސް ވިޔަފާރިކުރަމުން އަންނަ ގެސްޓްހައުސްތަކެވެ. އަދި ގެސްޓްހައުސްތަކުގެ %76 އަކީ ބިން ނުވަތަ ތަން ކުއްޔަށް ހިފައިގެން ވިޔަފާރިކުރަމުންދާ ގެސްޓްހައުސްތަކެވެ.

2019 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފެނާއި ކަރަންޓު ބިލް ފަދަ ޔޫޓިލިޓީ ބިލްތަކަށް އަދި ސަރުކާރަށް ދައްކަންޖެހޭ ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ގެސްޓްހައުސްތަކަށް ލިބޭ އާމްދަނީގެ %26 ހޭދަކޮށްފައިވެއެވެ. އަދި ލިބޭ އާމްދަނީގެ %56 މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޚަރަދުތަކަށް ހޭދަވެއެވެ.

އެހެންކަމުން މިވަގުތު ގެސްޓްހައުސްތަކަށް ފަތުރުވެރިން އައުން މަނާކޮށްފައިވީނަމަވެސް މަހުން މަހަށް ދައްކަން ޖެހޭ ކުއްޔާއި، މުވައްޒަފުންގެ މުސާރައާއި، ދައްކަންޖެހޭ ބިލްތައް އަދި ވަކިން ޚާއްސަކޮށް ސަރުކާރަށް ދައްކަންޖެހޭ އެކި ޓެކްސްތައް ދައްކަމުން ދާންޖެހުމަކީ ގެސްޓްހައުސްތަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށް ދިރާސާއިން ހަމާވާކަމަށް ގޭމްއިން ބުނެއެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުމެން ބަލާލަން ބޭނުންވީ ކޮންގޮތަކަށް ފެށި އިންވެސްޓްމަންޓްތަކެއްތޯ އެއީ. މި ސަރވޭގައި ބައިވެރިވި %66 ގެސްޓްހައުސްތަކުން އެބަބުނޭ ތިމަންނަ މެން މިތިބީ ލޯނު ނަގައިގެނޭ މިކަން ކޮށްފަ. %34 އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ޕާސަނަލް ސޭވިންގްއިން ވިޔަފާރި ފައްޓާފައި ހުރި. އެހެންވީމަ %66 އަކީ ސަރވޭގައި ބައިވެރިވި 441 ގެސްޓްހައުސްގެ ތެރެއިން 291 ގެސްޓްހައުސް. އެހެންވީމަ ލޯނު ނަގައިގެން ތިބި ފަރާތްތަކަށް ވަރަށް ބޮޑު ދައްޗެއް ކުރިމަތިވާނެ ލޯނު ދެއްކުމަށް. " ގޭމްގެ ނައިބު ރައީސް މުހައްމަދު އިމްތިޔާޒް ވިދާޅުވިއެވެ.

ގޭމްއިން ބުނީ ދުނިޔޭގައި ކޯވިޑް-19 ގެ ސަބަބުން ގެސްޓްހައުސް ވިޔަފާރިއަށް އަންނާނެ ބަދަލެއް އަދި އަންދާޒާނުކުރެވޭކަމަށެވެ. އެހެންނަމަވެސް، މިހާރު އޮތް ހަލާތަށް ބަލާނަމަ ގެސްޓްހައުސް އިންޑަސްޓްރީ ހިނގައިގަންނަން އަދި ހަ މަސްވަރު ނަގާނެކަމަށެވެ.

އަދި މި މުއްދަތުގެ ތެރޭ އެކަނިވެސް 28.9 މިލިއަން ޑޮލަރުގެ ގެއްލުންވާނެކަމަށް އަންދާޒާކުރެވޭކަމަށް ގޭމްއިން ބުނެއެވެ.

"މިހާރު މިއޮތް ހާލަތުން އަރައިގަނެ ގެސްޓްހައުސްތަކުގެ ވިޔަފާރި ދެން ފަށައިގަނެވޭނެ މުއްދަތެއް އަންދާޒާ ކޮށްލަން ދަތިނަމަވެސް، ލަފާކުރެވޭގޮތުގައި ރަނގަޅުގޮތެއްގައި ހިނގައިގަންނާނީ އަދި މަދުވެގެން ހައެއްކަމަސް ފަހުން ކަމަށްވާތީ ހަމައެކަނި އެ ހައެއްކަ މަސްތެރޭގައި އެކަނިވެސް ގެސްޓުހައުސް ވިޔަފާރިއަށް ގާތްގަނޑަކަށް 28.9 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް އަޅުގަނޑުމެންގެ ސާވޭއިންވަނީ އަންދާޒާކުރެވިފަ." ގޭމްއިން ބުނެއެވެ.

މި ދިރާސާގެ މައްޗަށް ރިޕޯޓެއް ތައްޔާރުކޮށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ނިންމާފައިވާ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގެއްލުން ކުޑަކޮށް އިޤްތިސާދީ ހީނަރުކަމުން އަރައިގަތުމަށް 2.5 ބިލިއަން ރުފިޔާގެ ފައިނޭންޝަލް ޕެކޭޖެއް ސަރުކާރުންވަނީ ތަޢާރަފްކޮށްފައެވެ.