ޚަބަރު

ރަނގަޅުވި ބައެއް މީހުން ހޯމް އައިސޮލޭޝަނަށް ބަދަލުކޮށްފި


ކޯވިޑް-19އިން ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނޭ ކުރެއްދޫ ރިސޯޓަށް ނިސްބަތްވާ މީހުން އެ ރިސޯޓުގެ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެން.އީ.އޯ.ސީއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮސިޓިވްވި 13 މީހުންގެ ތެރެއިން މިހާތަނަށް 5 މީހުން މިހާރުވަނީ ބަލިން ރަނގަޅުވެފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވި ބައްޔަށް ނެގެޓިވްވި މީހުންގެ ގޮތުގައި ނިންމާފައިވަނީ ބަލި ޖެހުނުކަށް ކަށަވަރުކުރި ހިސާބުން ފެށިގެން 14 ދުވަހު ފަރުވާދިނުމާއި މޮނިޓަރިންގައި ބެހެއްޓުމަށް ފަހުކަމަށެވެ.

"މައިލްޑް ސިމްޓަމް ފެނުނު (ހާލަތު ގޯސް ނޫން) މީހުން އެބަތިބި ރަނގަޅުވެފައި. އެމީހުން މިހާރުވަނީ ހޯމް އައިސޮލޭޝަނަށް ބަދަލުކޮށްފައި. ރިސޯޒޯޓްތަކުގެ މީހުން ވީމައި އެމީހުންގެ ހޯމް އައިސޮލޭޝަނަކީ އެ ރިސޯޓެއް. މި މީހުން ބަލިން މުޅިން ރަނގަޅުވީނަމަވެސް ބޭރު ތެރެއަށް ނިކުމެ ނޫޅެނެ. 14 ދުވަހުގެ އައިސޮލޭޝަންއެއްގައި ބަހައްޓައި އަދިވެސް މޮނިޓަރ ކުރާނެ." ޑރ މުރާދު ވިދާޅުވިއެވެ.

ބަލި ރަނގަޅުވީނަމަވެސް ޙާލަތު ގޯސްވި މީހުން އޮބްޒަރވްކޮށް ދަނީ ފަރުވާވާދެމުންނެވެ. އެގޮތުން ރާއްޖެއިން އެންމެ ފުރަތަމަ މި ބަލި ޖެހުނު އުމުރުންދުވަސްވީ މީހާ ރަނގަޅުވި ނަމަވެސް، އޭނާ ދަރުމަވަންތަ ހޮސްޕިޓަލްގައި ބާއްވައިގެން އަދިވެސްދަނީ ފަރުވާ ދެމުންނެވެ.

މި ބަލި ރާއްޖެއަށް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ގިނަ ޤައުމުތަކަކުން ރާއްޖެއަށް ދަތުރުކުރުންވެސްވަނީ މާނާކޮށްފައެވެ.