ޚަބަރު

ކޯވިޑް-19: އެޗްއައިއެޗު އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލު ކުރަނީ


ހުޅުލޭ އައިލެންޑް ހޮޓެލް، އެޗްއައިއެޗްގައި މިހާރު ކަރަންޓީންކޮށްފައި ތިބި މީހުން ކައިރި ރިސޯޓުތަކަށް ބަދަލުކޮށް، އެތަނަކީ އައިސޮލޭޝަން ފެސިޓީއަކަށް ބަދަލުކުރަން ނިންމާފައިވާކަން ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިވަގުތު އެޗްއައިއެޗް ޖުމުލަ 146 މީހުން ކަރަންޓީންކޮށްފައި ވާކަމަށެވެ. މި މީހުންގެ ތެރެއިން ދިގުމުއްތަކަށް ބޭސްކުރާމީހުން ވަކިކޮށް މަލަހިނި ކުޑަ ބަނޑޮހަށް ބަދަލުކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ބާކީ ތިބި މީހުން ބަދަލުކުރާނީ އެނބޫދޫ ވިލެޖް އަދި ވަރު ބައި އެޓްމޮސްފިއަރއަށްކަމުގައި އޭނާ ވިދާޅުވިއެވެ. އެޗްއައިއެޗް އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރަން ނިންމާފައިވާއިރު، މި ބަދަލާއެކު އެޗްއައިއެޗްގައި ކްރިޓިކަލް ފަރުވާ ދިނުމަށް އައިސީޔޫއަކާއި، އައިޖީއެމްއެޗްގެ ސިއްޙީ ފަރުވާދޭނެ ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވާނެއެވެ. އަދި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނާއި ޝައްކުކުރެވޭ ފަރާތްތައް ވަކި ސަރަހައްދުތަކުގައި ބޭތިއްބުމަށް ފަހު ފަރުވާ ދެވޭނެކަމަށް އެންއީއޯސީއިން މައުލޫމާތު ދެއެވެ.

މިހާތަނަށް އައިރު އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީ އާއި އއ. ވެލިދޫ އައިލެންޑް ރިސޯޓެވެ. އެގޮތުން މިވަގުތު ފަރުކޮޅުފުށީ އައިސޮލޭޝަންގައި އެއްވެސް މީހެއް ނެތް އިރު ވެލިދޫގައި ޖުމުލަ 16 މީހަކު އައިސޮލޭޝަންގައި ވަނީ ބައިތިއްބާފައެވެ. އޭގެ ތެރޭގައި މި ބައްޔަށް ޕޮޒިޓިވް ވެފައިވާ 7 މީހަކާއި، ބައްޔަށް ޝައްކުކުރެވޭ 9 މީހުންން ހިމެނެއެވެ.

އެޗްއައިއެޗް ކަރަންޓީން ފެސިލިޓީ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުން ދެން ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަނީ، ވިލިވަރު ރިސޯޓާއި، ބިޔާދޫ އައިލެންޑް ރިސޯޓާއި، ފަން އައިލެންޑް ރިސޯޓާއި، ހޮލިޑޭ އައިލެންޑެވެ. މީގެ އިތުރުން މަލަހިނި ކުޑަ ބަނޑޮސް، އެނބޫދޫ ވިލެޖް، ވަރު ބައި އެޓްމޮސްފިއަރ، ދިއްގިރި ޓުއަރިސްޓް ރިސޯޓް، ރޯޔަލް އައިލެންޑްވެސް ވަނީ ކަރަންޓީން ފެސިލިޓީގެ ގޮތުގައި ހަމަޖައްސާފައެވެ.