ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ކަންކަން އެންމެ ގޯސްވާ ޙާލަތަކަށްވެސް ދުރާލައި ވެވެން އޮތް އެންމެ ބޮދަކަށް ތައްޔާރުވުމަށް ސަރުކަރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރު އައިސީޔޫގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ވަނީ މިހާރު ފަށާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު ޑރ.އަޙްމަދު ޝަހީދު ވިދާޅުވީ މާލެ ސަރަޙައްދުގައި މަދުވެގެން 100 އެނދުގެ އައިސީޔޫއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އަތޮޅުތަކުގެ 4 ސަރަޙައްދެއްގައި، ކޮންމެ ސަރަޙައްދެއްގައި 20 އެނދުގެ އައިސީޔޫ ވެންޓިލޭޓަރާއެކު ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން މިހާރު މިކަމަށްޓަކާ ކަނޑައެޅޭ ތަންތަން ކަނޑައެޅުމުގެ މަސައްކަތްނިމި އިނީޝިއަލް އިންސްޕެކްޝަންގެ މަސައްކަތްތައް ނިމިފައިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އަދި މިތަންތަނަށް ބޭނުންވާ ވެންޓިލޭޓަރާއި އަދިވެސް އެހެނިހެން ވަޞީލަތްތައް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި އެހެން ޤައުމުތަކާއި ގުޅިގެން ސަރުކާރުން ހޯދަމުން ދާކަމަށާއި އެކަމަށް އެއްބާރުލުން ބޭރުގެ އެހީދޭ ފަރާތްތަކުން ލިބެމުން އަންނަކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.
"ޙާލަތު އިތުރަށް ގޯސްވެގެން ހިނގާއިދާނެކަމަށްބަލާ އެފަދަ ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުން ގްރޭޓަރ މާލޭ އޭރިއާގެ އިތުރުން 4 ޒޯނެއްގައި އައިސީޔޫ ޤާއިމުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. އެގޮތުން މާލެ ސަރަޙާއްދުގައި މަދުވެގެން 100 އނެދުގެ އަދި ކޮންމެ ޒޯނެއްގައި މަދުވެގެން 20 އެނދުގެ އައިސީޔޫއެއް ޤާއިމުކޮށް އެއީ ވެންޓިލޭޓަރާއެކު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދޭ. މީގެ އިތުރުންވެސް އެތަންތަނަށް ބޭނުންވާ އެހެނިހެން އިކުއިޕްމަންޓްތައް ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ." ޑރ.ޝަހީދު ވިދާޅުވިއެވެ.
މީގެއިތުރުން މިދަނޑިވަޅަކީ މުޅި ދުނިޔޭގައިވެސް ސަރޖިކަލް މާސްކު ފަދަ އެއްފަހަރު ބޭނުންކޮށްފައި އުކާލަންޖެހޭ މެޑިކަލް ބައެއް ވަޞީލަތްތަކަށް އޮތް ޑިމާންޑު ބޮޑުކަން ޑރ.ޝަހީދުވަނީ ފާހަގަކުރައްވާފައެވެ. އަދި އެފަރާތްތަކުން އެކަމަށް ސަމާލުވެ ތިބިކަމަށާއި ދުނިޔޭގެ އެހެން ޤައުމުތަކުގައި މިބައްޔަށް ފަރުވާދިނުމަށް އަޅަމުންދާ ފިޔަވަޅުތަކާއި އަމަލުކުރަމުންދާ އުސޫލުތައް ދެނެގަނެ އެކަމަށް ތައްޔާރުވަމުން އަންކަމަށް ޑރ.ޝަހީދުވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ކޯވިޑް ނަވާރަ މާލެ ސަރަޙާއްދުގައި ފެތުރިގެންފި ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުން މާލެ ސަރަޙައްދުގައި ތިބި ޑޮކްޓަރުންނާއި ނަރުހުން އަދި ހެލްތު ވޯކަރުންގެ ޕޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޑރ.ޝަހީދު ވިދާޅުވީ މާލެ އެކި ޒޯންތަކަކަށް ބަހާލުމަށްފަހު މާލޭގައި ވައިރަސްގެ ކޭސްތަކުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ މިޕޫލްގެތެރެއިންކަމަށެވެ.
"އަޅުގަނޑުމެން މިދަނީ މައި ހޮސްޕިޓަލްތަކުގެ އިމްރޖެންސީކޮށްދޭ ޚިދުމަތްތަކަށް ބުރުނާރާނެހެން ޑޮކްޓަރުންނާއި ނަރުހުންނާއި ހެލްތް ވޯކަރުންގެ ޕޫލްއެއް ހެދުމުގެ މަސައްކަތްކުރަމުން. މާލެއިން ކޭސްތަކެއް ފެންނަ ޙާލަތުގައި ބަލިމީހުނަށް އެޓެންޑްކުރާނީ މިޕޫލުގައި ތިބޭ ޑޮކްޓަރުންނާއި ނަރުހުން." ޑރ.ޝަހީދުވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ކޯވިޑް ނަވާރާއިގެ ޙާލަތުގައި ޚިދުމަތްކުރުމަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ރާއްޖެއާއި ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ. އެގޮތުން އަތޮޅުތެރޭގައި ތިބި ބައެއް ނަރުހުންނާއި ހެލްތު ވޯކަރުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ޚިދުމަތް ކުރުމަށްވެސް ނަރުހުންނައި ޑޮކްޓަރުން ހަމަކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެގޮތުން މިހާރު ނޭޕާލުގައި ސްޕެޝަލައިޒްވަމުން އަންނަ ދަރިވަރުން ރާއްޖެ ގެންނަންވަނީ ފަށާފައެވެ. އަދި މިކުދިންގެ ކަރަންޓީންގެ މުއްދަތު ހަމަވުމާއެކު މިހާރު އެކުލަވާލާފައިވާ ޓާސްކް ފޯސްގެ އިރުޝާދާއެކު އެކި ޒޯންތަކުގައި ހުރި އައިސޮލޭޝަންތަކާއި ކަރަންޓީންތަކަށް މަސައްކަތްފަށާނެއެވެ.