ޚަބަރު

ކޯވިޑް-19: އަމުރާއި ޚިލާފަށް ރިޒޯޓަށް އަރަން މަސައްކަތް ކުރީ ސިނގިރޭޓް ގަންނަން


އާންމު ޞިއްޚަތުގެ ކުއްލި ނުރައްކަލުގެ އަމުރާއި ޚިލާފަށް އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ފަން އައިލެންޑް ރިޒޯޓުން އޮޅުވެލި ބީޗް އެންޑް ސްޕާ ރިޒޯޓަށް އަރަން މީހަކު މަސައްކަތް ކޮށްފައިވަނީ ސިނގިރޭޓް ގަތުމަށްކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އާންމު ޞިއްޚަތުގެ ޤާނޫނުން ޑިރެކްޓަރ ޖެނެރަލް އޮފް ބަޕްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވާފައިވާ އެންގުމާއި ޚިލާފަށް މިމަހުގެ 23 ވަނަ ދުވަހުގެރޭ 10:30 އެހާކަން ހާއިރު، ކޯވިޑް 19 އާއި ގުޅިގެން އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ފަން އައިލެންޑް ރިޒޯޓުން އޮޅުވެލި ބީޗް އެންޑް ސްޕާ ރިޒޯޓަށް މީހަކު ފަތާފައި އަރަނިކޮށް އެމީހާ ހުއްޓުވާފައިވާކަމަށެވެ.

އޭނާ އޮޅުވެލި ބީޗް އެންޑް ސްޕާ ރިޒޯޓްގެ މޫދުގައި އޮއްވާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިމައްސަލައިގަ ފުލުހުން އިތުރަށް ބެލިބެލުމުން އޭނާއަކީ އޮޅުވެލި ބީޗް އެންޑް ސްޕާ ރިޒޯޓްގެ މުވައްޒިފެއްކަން އެނގިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މިހާރު އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ފަން އައިލެންޑް ރިޒޯޓަށް އޭނާ ފަތާފައި ގޮސްފައިވަނީ ސިނގިރޭޓް ގަތުމަށްކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލައިގަ ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މިމަހުގެ 24 ވަނަ ދުވަހު މާފުށި މެޖިސްޓްރޭޓް ކޯޓުންވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މުއްދަތު ދީފައިވަނީ ޖިނާއީ އިޖުރަޢާތުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ޣައިރު ހާޒިރުގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.