ޚަބަރު

މަޖިލިސް ޖަލްސާތައް އިންޓަނެޓް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމައިފި


އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތަކާއި އިދާރީ މަސައްކަތްތައް އިންޓަނެޓް މެދުވެރިކޮށް ފެށުމަށް ނިންމައިފިއެވެ.

މަޖިލީހުގެ ޖަލްސާތައް ފެށުމާއި ގުޅޭގޮން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ހަމަޖެހިފައިވާ އުސޫލުން ހޯމަދުވަހުން ފެށިގެން ކުރިއަށްދާނެކަމަށެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރުމުގެ ގޮތުން މަޖިލީހުގެ ޖަލްސާތައްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިން ނެޓްވޯކެއްގެ ތެރެއިންކަމަށެވެ. އެގޮތުން މަޖިލީހުގެ ތަޅުމުގައި ހިނގާ ބަހުސްތަކާއި، އެނޫންކަންކަންވެސް އޮންލައިން މެދުވެރިކޮށް ކުރިއަށްދާނެކަމަށް ޒިޔާއު ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގެ އިތުރުން ކޮމިޓީތަކުގައި ހިމެނޭ މަސައްކަތްތައްވެސް ކުރަންޖެހިއްޖެނަމަ އެމަސައްކަތް ކުރާނީ ގޭގައި ތިއްބަވައިގެން އޮންލައިންކޮށްކަމަށް ޒިޔާއު ވިދާޅުވިއެވެ. އަދި މިހާލަތުގައި މަޖިލީހުގެ އިދާރީ މުވައްޒަފުންވެސް މަސައްކަތް ކުރާނީ ގޭގައި ތިއްބަވައިގެންކަމަށެވެ.

ރައްޔިިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލިކަން އިއުލާންކުރައްވަމުން މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް ވިދާޅުވީ ޖަލްސާތައް މެދުކަނޑާލި ނަމަވެސް ރާއްޖެއަށް ދިމާވާ ކޮންމެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ މަސައްކަތް ކުރެވެންޖެހޭކަމަށެވެ. އަދި މަޖިލިސް މެދުކަނޑާލަނީވެސް ކޮންމެ ހާލަތެއްގައިވެސް މަޖިލިސް ބޭއްވޭ ގޮތަށްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.