ޚަބަރު

އެޑެކްސެލް އިމްތިހާނު އޮކްޓޫބަރ، ނޮވެމްބަަރަށް ފަސްކޮށްފި


މެއި ޖޫންގައި އެޑެކްސެލް އިން ބާއްވާ އޭލެވެލް އިމްތިހާން މިއަހަރު އޮކްޓޯބަރ, ނޮވެންބަރުގައި ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތައް ނިންމާފައި މިވަނީ ކޯވިޑް 19 އިން ރައްކާތެރިވެ ތިބުމަށް ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކާ ގުޅިގެން ސްކޫލުތައް ދިގުމުއްދަތަކަށް ބަންދު ކުރަންޖެހުމުގެ ސަބަބުންނެވެ. މިއާއެކު މިއަހަރުގެ މޭ ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އިމްތިހާން މިއަހަރު އޮކްޓޯބަރ ނޮވެމްބަރުގައި ބޭއްވުމަށް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.

މި އިމްތިޙާންގައި ޖުމުލަ 1529 ދަރިވަރުން އިށީންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މީގެ ތެރޭގައި ހިމެނެނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ ދަށުން އިމްތިހާން ހަދާ 94 ދަރިވަރަކާއި ސްކޫލްތަކުން އިމްތިހާންގައި ބައިވެރިވާ 1435 ދަރިވަރެކެވެ. މީގެ ތެރޭގައި 37 ސެންޓަރަކުން ކުދިން ބައިވެރިވެއެވެ. އެއީ މާލެއިން 4 ސެންޓަރަކާއި އަތޮޅުތަކުން 33 ސެންޓަރެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ނިންމާފައިވާއިރު ކެމްބްރިޖް ޔުނިވަރސިޓީން ވަނީ މެއި މަހާއި ޖޫން މަހު ބާއްވާ އިމްތިޙާންތައް ކެންސަލްކޮށްފައެވެ. އެގޮތުން ކެމްބްރިޖް އައިޖީސީއެސްއީ އާއި ކެމްބްރިޖް އޯ ލެވެލް އާއި ކެމްބްރިޖް އިންޓަނޭޝަނަލް އޭއެސް އޭ ލެވެލް އަދި ކެމްބްރިޖް އޭއައިސީއީ ޑިޕްލޮމާގެ މެއި އަދި ޖޫން މަހުގެ އިމްތިހާން ނުބާއްވާނެކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

ކެމްބްރިޖްގެ މި ނިންމުމުން ރާއްޖެއަކަށް މާބޮޑަށް އަސަރެއް ނުކުރާނެއެވެ. އެއީ އޭ ލެވެލްގައި ރާއްޖޭގެ ދަރިވަރުން ހަދަނީ އެޑެކްސެލް އިމްތިހާނެއެވެ. އަދި އޯލެވެލްގައި ރާއްޖޭގެ ދަރިވަރުން ހަދަނީ އޮކްޓޫބަރު އަދި ނޮވެމްބަރު މަހު ކެމްބްރިޖުން ދޭ އިމްތިޙާންއެވެ.