ޚަބަރު

ކޯވިޑް-19: މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ރާއްޖޭގެ އާބާދީއާ އެއްވަރު


ކޯވިޑް 19 ޖެހުނު މީހުންގެ އަދަދު މިއަދުގެ މިހާތަނަށް ތިންލައްކަ އަށްޑިހަ ހާހަށްވުރެ މައްޗަށް އަރައިގެން ގޮސްފައިވާއިރު މިއީ ރާއްޖޭގެ އާބާދީއާއި އެއްވަރުގެ އަދަދެކެވެ. ކޯވިޑްގެ ނުރައްކާ އޮތް މިންވަރާއި ބަލި ފެތުރެމުންދާ ނިސްބަތް މިތަފާސް ހިސާބުތަކުން ދައްކާއިރު، މިއީ މުޅި ދުނިޔެ މިކަމަށް ސަމާލުވާންޖެހޭކަމެކެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް 19 އިން ރައްކާތެރިވުމަށް ދުނިޔޭގެ ޞިއްޚަތު ޖަމްއިއްޔާއާއި، ކަމާއިބެހޭ ފަރާތްތަކުން ހުއްޓުމެއްނެތި ދަނީ މަސައްކަތް ކުރަމުންނެވެ. ބައްޔާއި ދެކޮޅަށް މުޅި ދުނިޔެއިން ކުރަމުންދާ ހަނގުރާމައިގަ މިހާތަނަށް ކާމިޔާބީއާއި ހަމަޔަށް ވާސިލްނުވާއިރު ބަލި ފެތުރި އިތުރުވަމުންދާ ނިސްބަތް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

ކޯވިޑް 19 ފެތުރެމުންދާ ގޮތުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފެބްރުއަރީ މަސް ނިމުނު އިރު ދުނިޔޭގައި ކޯވިޑް 19 ޖެހިފައިވާ މީހުންގެ އަދަދަކީ 18000 ނަމަވެސް މިމަހުގެ މިހާތަނަށް މިއަދަދު 381,745 އަށް އަރައިގެން ގޮސްފައިވާކަމީ ބަލިފެތުރޭ އަވަސްމިން ހާމަވާކަމެކެވެ. 262,757 ބަލީގެ ޝިކާރައަކަށްވެ ބައްޔާއި ހަނގުރާމަކުރަމުންދާއިރު ސީރިއަސް ހާލަތުގައި މިވަގުތުވެސް 12,062 މީހުން އެބަތިބިއެވެ. ބަލި ޖެހިގެން މިހާތަނަށް 16,558 މީހުން ވަނީ މަރުވެފައެވެ. ބަލީގައި މިހާތަނަށް ރަނގަޅު ވެފައިވަނީ 102,429 މީހުންނެވެ.

ޖެނުއަރީ 22 ވަނަ ދުވަހުން ފެށިގެން މިމަހުގެ 22 ނިޔަލަށް ބަލި ޖެހުނު މީހުންގެ ނިސްބަތް އިންތިހާޔަށް މައްޗަށް އަރައިގެން ގޮސްފައިވާކަމީ ބައްޔާއިމެދު ސަމާލުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް ދުނިޔޭގެ ޤައުމުތަކުން އަޅަންޖެހުނު އެއްސަބަބެވެ. މިމުއްދަތުގެ ތެރޭގައި މިބަލި ޖެހުނުމީހުންގެ އަދަދު ތިން ލައްކައަށްވުރެ މައްޗަށް އަރާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 15 ހާހަށްވުރެ މައްޗަށް އަރާފައެވެ.

މިހާތަނަށް ކޯވިޑް 19 އެންމެ ނުރައްކާ ބޮޑުވެފައިވާ ޤައުމެއްގެ ގޮތުގައި ބެލެވެނީ އިޓަލީއެވެ. މިބަލި އެންމެ ފުރަތަމަ ފެނުނު ޤައުމު ޗައިނާއިން ބަލީގައި މަރުވި މީހުންގެ އަދަދު 3,277 އައި އުޅޭއިރު، ބަލި ކޮންޓްރޯލްވުމެއްނެތި ފެތުރެމުންދާ އިޓަލީ ވިލާތުގައި މިހާތަނަށް 6,077 މީހުންވަނީ މަރުވެފައެވެ. ސީރިއަސް ހާލަތުގައިވާ 3,204 މީހަކަށް މިހާރުވެސް ދަނީ އިޓަލީގައި ފަރުވާ ދެމުންނެވެ. ކޯވިޑް ހަލުވިކަމާއިއެކު މިހާރު ފެތުރެމުންދަނީ ޔޫރަޕްގެ ޤައުމުތަކުގައެވެ. އިޓަލީ ވިލާތާއި، ޖަރުމަނު ވިލާތާއި، ފަރަންސޭސި ވިލާތާއި، އެމެރިކާގައި ބަލި ކޮންޓްރޯނުވެ ބާރު ސްޕީޑުގައި ދަނީ ފެތުރެމުންނެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމަށް ދުނިޔޭގެ ޤައުމުތަކުން ހަރުކަށި ބޮޑެތި ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. ޤައުމުތައް އެއްކޮށް ލޮކްޑައުންކޮށް، ކާފިއު އިއުލާންކޮށް، އަންގާ އެންގުންތަކަށް ތަބާނުވާ މީހުންނަށް ހަރުކަށި ބޮޑެތި އަދަބުތަކެއް ދަނީ ދެމުންނެވެ. ބައްޔާ ދެކޮޅަށް ފަރުވާއެއް މިހާތަނަށް ހޯދިފައިނުވާއިރު ބަލިކޮންޓްރޯލްކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއި، އެންމެ ވަސީލަތްތައް ގިނަ ޤައުމުތައްވެސް ވަނީ ނުކުޅުދިފައެވެ.

ދުނިޔޭގައި ކޯވިޑް 19 ހަލުވިކަމާއިއެކު ފެތުރެމުންދާ މިދަނޑިވަޅުގައި ރާއްޖެއިން މިކަމުގައި ކުރަންޖެހޭ މަސައްކަތް ބޮޑުކަމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ. އަދި މިވަގުތު ދުނިޔޭގައި ބަލި ފެތުރެމުންދާ ސްޕީޑަށްބަލާ ހުރިހާ ރައްޔިތުންވެސް ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތައް އަޑުއަހާ ގޭގައި ތިއްބެވުމަކި ވަރަށް މުހިންމު ކަމެކެވެ.

ކޯވިޑް 19ގެ އަލާމާތްތަކަށް ޝައްކުކުރެވިގެން 700 ވުރެ ގިނަ ސާމްޕަލްވަނީ ޓެސްޓްކުރެވިފައެވެ. އޭގެ ތެރެއިން 569 ސާމްޕަލެއް ކޯވިޑަށް 19 އަށް ނެގެޓިވް ވެފައިވާއިރު ޕޮޒިޓިވް ވެފައިވަނީ 13 މީހެއްކެވެ. މީގެ ތެރެއިން މިހާރު 5 މީހަކު ރަނގަޅު ވެފައިވާއިރު 8 މީހަކަށްދަނީ ފަރުވާދެމުންނެވެ. އަދި މިހާތަނަށް ޓެސްޓުގެ ނަތީޖާ ނުލިބި 20 ސަމްޕަލެއްވެއެވެ.