ޚަބަރު

ކޯވިޑް-19 : ޢަލާމާތެއް ހުރިނަމަ އަވަހަށް އެޗްޕީއޭއަށް ރިޕޯޓުކުރޭ


ކޯވިޑް 19 އަށް ކިރިޔާ ޝައްކުކުރެވޭ އަލާމާތެއް ހުރިނަމަ ލަސްނުކޮށް ރިޕޯޓްކުރެއްވުމަށާއި، މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް މަބުރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ފެތުރުނަނުދީ ކޮންޓްރޯކުރުމަށް ސަރުކަރުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކޯވިޑް-19ގެ ކަންކަމާބެހޭ މަޢުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ، މިކަމަކީ ފަރުދީގޮތުން ވަރަށްބޮޑު ޒިންމާއެއް އޮތްކަމެއްކަމަށެވެ.

އަތޮޅުތެރޭގެ ރަށެއްގައިވެސް އަދި މާލޭގައިވެސް ބަލީގެ އަލާމާތެއް ކިރިޔާ ހުރި މީހަކުވެސް އެޗްޕީއޭއަށް ލަސްނުކޮށް ރިޕޯޓްކުރުމަށް މަބުރޫކްވަނީ އެދިވަޑައިގެންފައެވެ. ސަރުކާރުން ކޯވިޑް-19 ފެތުރަ ނުދިނުމަށް މިހަފްތާގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާއިރު މިކަމުގައި އެޗްޕީއޭއަށް ލިބެމުންދާ ރިޕޯޓްތަކާއި، ބައެއް ފަރާތްތަކުން އަމިއްލަޔަށް ގުޅާފައި ރިޕޯޓްކުރުމުންވެސް ސާމްޕަލްތައް ނަގައި ޓެސްޓް ކުރަމުންދާކަމަށެވެ.

މިބައްޔަކީ ފަސޭހައިން ގައިގަޔަށް އަރާ ނުރައްކާތެރި ބައްޔަކަށްވާއިރު ކަމާއިބެހޭ ފަރާތްތަކުން އަޅަމުންދާ ފިޔަވަޅުތަކާއިއެކު މިކަމުން ސަލާމަތްވެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެންކަމަށް މަބުރޫކް ވިދާޅުވިއެވެ. އޭނާވަނީ މިކަމުގައި އެއްވެސް ފަރާތަކުން ފަރުވާކުޑަނުކޮށް، މުޅި މުޖުތަމައުގެ ސަލަމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

"މިހަފްތާގައި އަޅުގަނޑުމެން މިވަނީ ކޯވިޑް 19 ފެތުރަ ނިދުނުމަށް ހަރުކަށި ފިޔަވަޅުތަކެއް މާލެ ސަރަހައްދައް އަޅާފަ. މިކަމުގެ އެންމެބޮޑު ބޭނުމަކީ ބަލިފެތުރުނަނުދީ މިކަމުން އަޅުގަނޑުމެން އެންމެން ސަލާމަތްކުރުން. އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންވެސް އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންވެސް ބަލީގެ ކިރިޔާ އަލާމާތެއް ފެންނަނަމަ ވަގުތުން އެޗްޕީއޭއަށް ގުޅުއްވާ. ހުރިހާ ރައްޔިތުން މިކަމުގައި އެއްބާރުލުން ދެއްވާ." މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ކޯވިޑް-19 އިން ސަލަމަތްވެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުންކަމަށެވެ. މިމަކަމަކީ އެންމެ މީހެއްގެ އަމަލުތައް ބަހައްޓާގޮތުންވެސް މުޅި މުޖުތަމައަށް އެކަމުގެ ގެއްލުން ކުރިމަތިވެދާނެކަމަކަށްވާއިރު އެގޮތަށް އެއްވެސް ބޭފުޅެއްގެ އަމަލުތައް ނުބެހެއްޓެވުމަށް މަބުރޫކްވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އިލްތިމާސް ކުރައްވާފައެވެ.