ވިޔަފާރި

ކުރަމަތި ރިޒޯޓު ތިންމަހަށް ބަންދުކުރަން ނިންމައިފި


ކުރަމަތި އައިލެންޑް ރިޒޯޓު ތިން މަސް ދުވަހަށް ބަންދުކުރުމަށް ރިޒޯޓުގެ މެނޭޖްމަންޓުން ނިންމައިފިއެވެ.

ކުރަމަތި އައިލެންޑް ރިޒޯޓުން ބުނެފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން 01 އޭޕްރިލްއިން ފެށިގެން 30 ޖޫންއާއި ހަމައަށް ރިޒޯޓުގެ ހުރިހާ އޮޕަރޭޝަނެއް ހުއްޓުމަކަށް ގެނެސް ރިޒޯޓު ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ.

އަދި މިއަހަރުގެ ޖުލައި މަހު އަލުން ރިޒޯޓު ހުޅުވާނެކަމަށް ވެސް ކުރަމަތި އައިލެންޑް ރިޒޯޓުން ބުނެއެވެ.

ކުރަމަތި އައިލެންޑް ރިޒޯޓުން 2 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ކުރަމަތީގެ އިތުރުން ކުރެއްދޫ ރިޒޯޓާއި ބަޠަލާ ރިޒޯޓުން 6 މީހުން މި ބައްޔަށްވަނީ ޕޮޒިޓިވްވެފައެވެ.

މިއާއެކު މިތިން ރިޒޯޓަށް ވެސް އަރާފޭބުން އޮތީ މަނާކޮށްފައެވެ. އަދި ރިޒޯޓުގެ ހާލަތު ރަނގަޅުވުމާއެކު މިމަހުގެ 12 ގެ ފަހުން މި ރިޒޯޓްތައް ވަނީ ކަރަންޓީނުން ދޫކޮށްލާފައެވެ.

ކުރަމަތި އައިލެންޑް ރިޒޯޓުން ކޮށްފައިވާ ޓުވީޓެއް.

ކޯވިޑް-19 އާއި ގުޅިގެން ކުރަމަތި އައިލެންޑް ރިޒޯޓުގެ އިތުރުން ރާއްޖޭގައި ހިންގާ 21 އަށް ވުރެ ގިނަ ރިޒޯޓު މިހާރު ވަނީ ބަންދުކޮށްފައެވެ.

މީގެ ތެރޭގައި ރާއްޖޭގައި ރިޒޯޓު ވިޔަފާރީގައި އެންމެ އިސްކޮށް ޙަރަކާތެރިވާ ޔުނިވާސަލް އަދި ވިލާ ގްރޫޕުގެ ރިޒޯޓުތައް ހިމެނެއެވެ.