ސިޔާސީ

އިތުރު 3 ކަމެއް އިސްތިއުނާފް ކުރުމަށް ބޭންނުން- ހިސާން


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ތޭރަ އަހަރުގެ ޖަލު ހުކުމް  ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް ނިންމަވާފައިވާއިރު، އިތުރު ތިން ކަމެއް އިސްތިއުނާފް ކުރުމަށް ބޭންނުންވާކަމަށް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.މިއަދު މޫކައި ހޮޓެލްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، ވަކީލުންގެ ޓީމުގެ ފަރާތުން ހިސާން ހުސައިން ވިދާޅުވީ، އިސްތިއުނާފް ކުރަން ބޭނުންވާ ތިން ކަންތަކުގެ ތެރޭގައި، ހުކުމާއި، ދައުވާއާއި، އިޖްރާތުތަކުގެ މައްސަލަތައްވެސް ހިމެނޭކަމަށެވެ. ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފް ކުރިން ނުކުރެވުނީ މުއްދަތު ހަމަވިއިރުވެސް ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ލިބިފައިނުވާތީ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ހައްގުތައް ގެއްލިފައިވާތީ ތިން ފަހަރެއްގެ މަތިން އެމައްސަލަ އިސްތިއުނާފް ކޮށްދެއްވުމަށް އެދުމުންވެސް އެކަމާއި ޕީޖީ ދެކޮޅު ހައްދަވާފައިވާކަމަށް ހިސާން ވިދާޅުވިއެވެ.ކުރީގެ ރައީސް މުހައްމަދު ނަޝީދު މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށްް ޕްރޮސެކިއުޓަރ ޖެނަރަލްނިންމެވީ، ބުރާސްފަތި ދުވަހުގައެވެ.ނަޝީދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމެވީ، މައްސަލަ އިސްތިއުނާފްކުރުމަށް ބޭނުންވާ ލިޔެކިއުންތައް ލިބިފައިނުވާކަމަށް ނަޝީދުގެ ފަރާތުން ހާމަކުރައްވާފައިވުމާއި، އަދި މިމައްސަލަ ޕްރޮސެކިއުޓަރ ޖެނަރަލް ހައިކޯޓުގައި އިސްތިއުނާފްކޮށްދިނުމަށް އެދި ނަޝީދުގެ ފަރާތުން ހުށަހަޅާފައިވުމުންކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން މަޢުލޫމާތު ދީފައިވެއެވެ. އެހެންކަމުން ޤާނޫނުއަސާސީން ޕްރޮސެކިއުޓަރ ޖެނަރަލަށް ލިބިދޭ ބާރުގެ ދަށުން ކުރީގެ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ތޭރަ އަހަރުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ނިންމާފައިވާކަމަށް ޕީޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.