ޚަބަރު

ކޯވިޑް-19: ކަރަންޓީންގައި ތިބި މީހުންގެ ތަޢުރީފާއި ޝުކުރު


ކޯވިޑް-19 ދުނިޔޭގައި ބާރު ސްޕީޑެއްގައި ފެތުރެމުންދާއިރު، މި ވައިރަސް ޖެހުނު މީހުން ރާއްޖެއިންވެސް ވަނީ ފެނިފައެވެ. މިއާއެކު މި ވައިރަސް ފެތުރުން ކޮންޓްރޯލްކުރަން އަވަސް އަދި ގިނަ ފިޔަވަޅުތަކެއް ދިވެހި ސަރުކާރުން ވަނީ އަޅުއްވާފައެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި ވައިރަސް ހުރެދާނެކަމަށް ޝައްކުކުރެވޭ އެންމެން ކަރަންޓީންކުރުމާއި، ރިސްކު ބޮޑު ސަރަހައްދުތަކުން އަންނަ ފަރާތްތައް ސަރުކާރުގެ ބެލުމުގެ ދަށުގައި ކަރަންޓީންކުރުމުގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ ބައެއް ދިވެހިން ހޯމް ކަރަންޓީނަށް ފޮނުވުން ހިމެނެއެވެ،

މިނިސްޓްރީ އޮފް ޓުއަރިޒަމްއިން ހާމަކުރައްވާގޮތުގައި މިހާތަނަށް އައި އިރު ކަރަންޓީން ފެސިލިޓީގެ ގޮތުގައި 1158 (އެގާރަސަތޭކަ ފަންސާސް އަށެއް) ކޮޓަރި ތަރައްޤީކޮށްފައިވާއިރު، މި ކޮޓަރި ތަކުގައި 2288 (ދެހާސް ދުއިސައްތަ އަށްޑިހަ އަށެއް) މީހުން ކަރަންޓީންކުރެވޭނެއެވެ.

މި ފެސިލިޓީތަކުގައި މިހާރުވެސް ގިނަ އަދަދެއްގެ މީހުން ކަރަންޓީންކޮށްފައި ވާއިރު، ސޯޝަލް މީޑިއާގައި މިހާރު ވަނީ މި ފެސިޓީތަކުގެ ޙާލަތު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތަވެސް އާންމުވެފައެވެ.

އެގޮތުން ކޮޓަރިތަކުން ނުނިކުމެ ދިގު މުއްދަތަކަށް ތިބެންޖެހުމުން އެގޮތަށް ތިބެންޖެހޭ މީހުންގެ ޝަކުވާ ހުންނާނެކަމަށް ބެލެވުނު ކަމުގައިވިޔަސް، އައިސޮލޭޝަން ނުވަތަ ކަރަންޓީން ފެސިލިޓީތަކުގެ ތިބި މީހުން ބުނެދިނީ މުޅިން އެހެން ވާހަކައެކެވެ.

ކަރަންޓީންގައި ހުރި މީހަކުކޮށްފައިވާ ޕޯސްޓެއް --

މި ޕޯސްޓްތަކުގައި އާންމުން ވަނީ 14 ދުވަހަށް ކަރަންޓީންކުރަން ސަރުކާރުން ނިންމުމުން ބޭރަށް ނުނިކުމެވުން ފިޔަވައި، އެހެން އެއްވެސް އުނިކަމެއް ނެތްކަމަށް ބުނެފައެވެ. އެގޮތުން އެ ފަރާތްތަކުގެ ޓްވީޓްތަކާއި އިންސްޓަގްރާމް ސްޓޯރީތަކާއި ސްނެޕްތަކުގައި އެފަރާތްތަކުން ވަނީ ކޮޓަރީގައި އެކަނި އުޅެން ޖެހުނަސް ރަނގަޅު ކާނާ ކާން ލިބޭއިރު، އިންޓަނެޓާއި ޓީވީ ބެލެން ހުރުމުން އެކަންކަން ފާހަގަކޮށް އެވާހަކަތައް ހިއްސާކޮށްފައެވެ.

އާންމު މީހަކު ސޯޝަލް މީޑިއާގައި ކުރި ޓުވީޓެއް

މީގެއިތުރުން އެމީހުން ވަނީ ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފުލުހުންނާއި އެހީތެރިންގެ ޚިދުމަތްތަކުގެ އަގުވެސް ވަޒަންކޮށް ޝުކުރުއަދާކޮށްފައެވެ. އެގޮތުން ހުރިހާ ވަގުތެއްގައި ހުރިހާ ހާލަތެއްގައިވެސް އެހީތެރިކަން ލިބެމުންދާކަން އެމީހުން ފާހަގަކޮށްފައި ވެއެވެ.

ސަރުކާރުން ކަރަންޓީން އަދި އައިސޮލޭޝަން ފެސިިލިޓީތަކުގައި ތިބި ފަރާތްތަކަށް މިފަދަ ޚިދުމަތްތަކެއް ފޯރުކޮށްދެމުން ދާއިރު، މާލޭގައި ހޯމް ކަރަންޓީންގައި ތިބި ފަރާތްތަކުގެ ތެރެއިން ހޯމްކަރަންޓީންގައި ތިބުން ދަތި މީހުންނަށް ޙާއްސަ އިންތިޒާމުތަކެއް ހަމަޖައްސަވައި ދެއްވުމަށް ވަނީ ނިންމާފައެވެ. މިހާތނަށް އައިރު ކަރންޓީން ފެސިލިޓީގެ ގޮތުގައި ސަރުކާރުން ވަނީ ވިލިވަރު ރިސޯޓާއި، ބިޔާދޫ އައިލެންޑް ރިސޯޓާއި، ފަން އައިލެންޑް ރިސޯޓާއި، ހޮލިޑޭ އައިލެންޑް އަދި ހުޅުލޭ އައިލެންޑް ހޮޓެލް އެޗްއައިއެޗް ހަމަޖައްސާފައެވެ. މީގެ އިތުރުން މަލަހިނި ކުޑަ ބަނޑޮސް، އެނބޫދޫ ވިލެޖް، ވަރު ބައި އެޓްމޮސްފިއަރ، ވެލިދޫ އައިލެންޑް ރިސޯޓް، ދިއްގިރި ޓުއަރިސްޓް ރިސޯޓް، ރޯޔަލް އައިލެންޑްވެސް ވަނީ ކަރަންޓީން ފެސިލިޓީގެ ގޮތުގައި ހަމަޖައްސާފައެވެ.