ޚަބަރު

ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް އެހީވުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ފަށައިފި


ބޭރުގެ އެކި ޤައުމުތަކުގައި ދިރިއުޅެމުން އަންނަ ދިވެހިންނާއި އެޤައުމުތަކުން އެނބުރި ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިންނަށް ކޮންސިއުލަރ ޚިދުމަތް ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓްރީއާއި ބޭރުގެ ޤައުމުތަކުގައި ޤާއިމުކޮށްފައިވާ ރާއްޖޭގެ އެކި ޑިޕްލޮމެޓިކް މިޝަންތަކުން މަސައްކަތް ފަށައިފިއެވެ.

މިއީ މުޅި ދުނިޔޭގައި މިވަގުތު ކޯވިޑް-19 ހަލުއިކަމާއެކު ފެތުރެމުންދާތީ ދިވެހިން އުޅޭ ގިނަ ޤައުމުތަކަކުން ދަތުރުކުރުން ހުއްޓާލުމާ ގުޅިގެން ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން މިނިސްޓްރީ ކުރަމުން އަންނަ މަސައްކަތެކެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މުޅި ދުނިޔެއަށް ބަލި މަޑުކަމެއް ކުރިމަތިވެފައިވާ މިދަނޑވަޅުގައި ކަންކަން ހަމަޖެހުމުގައި ބައެއް ކަހަލަ ދަތިތަކެއް ދިމާވާނެކަން ހުރިހާ ފަރާތަކުންވެސް ޤަބޫލުކުރާނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ.

އަދި މިވަގުތު ބޭރު ޤައުމުތަކުގައި ދިރިއުޅުމުގައާއި ބޭރު ޤައުމުތަކުން ދަތުރު ކުރުމުގައާއި އެ ޤައުމުތަކަށް ދިޔުމުގައިވެސް ބައެއް ކަހަލަ ދަތިތައް ހުރިކަން މިނިސްޓްރީންވަނީ ފާހަގަކުރައްވާފައެވެ. އަދި މިފަދަ ގޮތަކަށް ހުރި ދަތިތަކުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމުގެ އިތުރުން މިދަނޑިވަޅުގައި ދިވެހިންނަށް ވީ ވަރަކުން ލުއި ގޮތްތައް ހޯދައިދެވޭތޯ މަސައްކަތްކުރައްވަމުން އަންނަކަން ފޮރިން މިނިސްޓްރީން ފާހަގަކުރައްވައެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ފޮރިން މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއްގައި ރަޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

މީގެ އިތުރުން ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ނިންމާފައިވާތީ ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ފޮރިން މިނިސްޓްރީ އަށް ނުވަތަ އެޤައުމެއްގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް ފޮރިން މިނިސްޓްރީން އެދިވަޑައިގަންނަވައެވެ. މީގެތެރޭގައި ދިވެހިންނާ އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއްވެސް ހިމެނޭކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށާ ބޭރު ޤައުމުތަކުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހިން އެޤައުމެއްގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް ފޮރިން މިނިސްޓްރީންވަނީ އިލްތިމާސްކުރައްވާފައެވެ.