ޚަބަރު

ކޯވިޑް-19 : ކަރަންޓީނުގައި ތިބި ދިވެހިން ދައްކަނީ ކެތްތެރިކަމުގެ ޤައުމީ ނަމޫނާ


ރާއްޖެއިން ބޭރުން މިވަގުތު އަންނަ ދިވެހިން ކަރަންޓީނު ފެސިލިޓިސްތަކުގައި ކެތްތެރިކަމާއެކު ތިބެ ދައްކާ ނަމޫނާ ހެޔޮހިތުން ބަލައިގަންނަކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖެއިން ބޭރުން އަންނަ ދިވެހިން 14 ދުވަހު ކަރަންޓީނުކުރުމަށް ވަނީ ނިންމާފައެވެ. ބޭރުގެ އެކި ޤައުމުތަކުން އަން ދިވެހިން ކަރަންޓީން ކުރުމަށް މިވަގުތު ސަރުކާރުން ނިންމާފައިވަނީ ހުޅުލޭ އައިލެންޑް ކޮޓެލްގައި ޤާއިމްކޮށްފައިވާ ކަންރަންޓީން ފެސިލިޓީސްގައެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖެއަށް އަންނަ ދިވެހިންގެ ފަރާތުން ފެންނަކީ ކެތްތެރިކަމާއެކު ނަމޫނާ ދައްކަމުންދާ މަންޒަރުކަމަށެވެ. ޢާއިލާއާ ދުރުގައި އިތުރު 14 ދުވަހު ހުންނަން ޖެހުނަސް ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ތަބާވެ ޤައުމީ ޒިންމާ އެބޭފުޅުން އަދާކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިްއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން އަޅަމުންދާ ފިޔަވަޅުތަކާއި އެފިޔަވަޅުތައް ތަންފީޒުކުރުމުގެ މަރުހަލާގައި މަސައްކަތް ކުރައްވާ މުވައްސަސާތަކަށް މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ޞިއްޚީ ގޮތުން މުޅި ޤައުމު ކުއްލި ނުރައްކަލުގެ ހަލަަތެއްގެއޮތް މިދަނޑިވަޅުގައި ހުރިހާ ރައްޔިތުންވެސް ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ކިޔަމަންވުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިބަލިން ސަލާމަތްވުމަށް ސަރުކާރުންނާއި ކަމާއިގުޅުންހުރި އިދާރާތަކުން އަޅުއްވަމުންދާ ފިޔަވަޅުތަކަކީ މުޅި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.