ވިޔަފާރި

ބީއެމްއެލްއިން ހިއްސާއަކަށް 26 ރުފިޔާ ބަހަން ނިންމައިފި


ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ހިއްސާއަކަށް 26 ރުފިޔާ ބެހުމަށް ނިންމައިފިއެވެ.

ބީއެމްއެލްއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 962 މިލިއަން ރުފިޔާއެވެ. ބީއެމްއެލްއަށް ލިބުނު ފައިދާއިން ހިއްސާގެ ގޮތުގައި 139 މިލިއަން ރުފިޔާ ބެހުމަށް ބީއެމްއެލްއިން ވަނީ ނިންމާފައެވެ.

ބީއެމްއެލްއިން ހިއްސާއަކަށް 26 ރުފިޔާ ބެހުމަށް އެ ކުންފުނީގެ ބޯޑުން ނިންމި ނަމަވެސް މިކަމާއި މެދު ގޮތެއް ނިންމާ ހިއްސާ ފާސްކުރުން އޮންނާނީ ބީއެމްއެލްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.

ހިއްސާއަކަށް 26 މިލިއަން ރުފިޔާ ބެހުމަށް ބީއެމްއެލްއިން ނިންމާފައިވާއިރު މިއީ މިހާތަނަށް ބޭންކުން ބެހުމަށް ނިންމި އެންމެ ބޮޑު ހިއްސާއެވެ.

މިދިޔަ އަހަރު ބީއެމްއެލްއިން ހިއްސާދާރުންނަށް ބަހާފައިވަނީ 129 މިލިއަން ރުފިޔާއެވެ. އެއީ ހިއްސާއަކަށް 24 ރުފިޔާއެވެ.

2018 ވަނަ އަހަރު ބީއެމްއެލްއިން ވަނީ 118 މިލިއަން ރުފިޔާ ހިއްސާގެ ގޮތުގައި ބަހާފައެވެ.

އެއަހަރު ހިއްސާއަކަށް ބީއެމްއެލްއިން ބަހާފައިވަނީ 22 ރުފިޔާއެވެ. ބީއެމްއެލްގެ މައިގަނޑު ހިއްސާދާރުންނަކީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. ބާކީ 33.7 އިންސައްތަ ހިއްސާއަކީ އާންމު ހިއްސާދާރުންގެ ހިއްސާއެވެ.