ވިޔަފާރި

ކޯވިޑް-19: މިއަދުން ފެށިގެން ސްރީލަންކާއިން ރާއްޖެއަށް ފަތުރުވެރިން އައުން މަނާ


މިއަދުން ފެށިގެން ސްރީލަންކާއިން ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މިއަދު ހެނދުނު ހަޔަކުން ފެށިގެން އެޤައުމުން އަންނަ ފަތުރުވެރިންނާއި ފާއިތުވި 14 ދުވަސްތެރޭ އެޤައުމަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިން ރާއްޖެއަށް އައުން މަނާކޮށްފައިވާކަމަށެވެ.

ކޯވިޑް 19 އާ ގުޅިގެން ބައެއް ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށްފައިވީ ނަމަވެސް އެޤައުމުތަކުގައި ތިބި ދިވެހިންނަށް ރާއްޖެއަށް އާދެވޭނެ ކަމަށާއި އެހެންނަމަވެސް ހަމަޖެހިފައިވާ އުސޫލުން ކަރަންޓީންގައި ހުންނަންޖެހޭ ކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން ދަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ. އެގޮތުން ސަރުކާރުން މިހާރު ވަނީ 11 ޤައުމަކުން ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށްފައެވެ.

ފަތުރުވެރިން އައުން މަނާކޮށްފައިވާ ޤައުމުތަކަކީ ޗައިނާ، އީރާން، ސައުތު ކޮރެއާގެ ދެ ޕްރޮވިންސެއް، އިޓަލީ، ބަންގްލަދޭޝް، ސްޕެއިން، ފަރާންސޭސިވިލާތުގެ ބައެއް ސަރަޙައްދުތަކާއި، މެލޭޝިއާ، އިނގިރޭސިވިލާތް އަދި ސްރީލަންކާއެވެ.

މީގެއިތުރުން ރާއްޖެއިންވަނީ ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ކަރަންޓީން ކުރަން ނިންމާފައެވެ.

އެޗްޕީއޭއިން އާންމު ކުރެއްވި އެންގުމުގައި ވަނީ ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި ރާއްޖެ އަންނަ ދިވެހިންނާއި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއްވެސް ކަރަންޓީން ކުރުމަށް ނިންމާފައިވާކަމަށެވެ. މި ފަރާތްތައް ކަރަންޓީން ކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަކަށް ކަމަށްވެސް މި އެންގުމުގައި ވެއެވެ.

ސްރީލަންކާއިންވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު ހަޔަކާ ހަމައަށް އެޤައުމުގައި ކާފިއު އިއުލާންކޮށްފައެވެ.

މިއާއެކު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބައެއް ޚިދުމަތްތައްވެސް ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް، އެއަރޕޯޓުގައި ޓްރާންސިޓުކުރުމާއި އެޤައުމުން ފުރާ ފަރާތްތަކަށް އެކަމާއި ގުޅޭ އިންތިޒާމްތައް ހަމަޖެހޭނެކަން ލަންކާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.