ޚަބަރު

ފަސް އަހަރަށް 817 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓް އެބަހުރި


މިއަހަރުގެ ޖެނުއަރީން ފެށިގެން ކުރިއަށްއޮތް ފަސްއަހަރު ދުވަހަށް ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށް 817 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި އިންވެސްޓްމަންޓް ލިބިފައި އެބަހުރިކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ބޮޑެތި ބިޔަ ޕްރޮޖެކްޓްތައް ހިންގާ ފަރާތްތަކަށް ބިން މިލްކުރެވެނޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވާ އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ، މިޤާނޫނަކީ ރާއްޖޭގެ ތަރައްޤީގެ ދުވެލި އެތައްގުނައެއް ކުރިއަށްޖެހިލާނެ މުހިންމު ޤާނޫނެއްކަމުގައެވެ. 

މިނިސްޓަރ ވިދާޅުވީ، އެއްބިލިޔަން ޑޮލަރުގެ ބޮޑެތި ބިޔަ މަޝްރޫޢުތައް ހިންގާ ފަރާތްތަކަށް ބިން މިލްކްކުރެވޭގޮތަށް އޮތުމަކީ އެތައް ބައިވަރު ކެޕިޓަލްއެއް ރާއްޖެއައިސް އެތައް ހާސް ވަޒީފާގެ ފުރުސަތެއް ހުޅުވިގެން ދާނެ ކަމެއްކަމުގައެވެ. އަދި މިޕްރޮޖެކްޓްތައް ހިންގޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރާއްޖޭގެ ޤާނޫނީ އިމުގެ ތެރެއިންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

"އެއްބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓްތަކަށް ނުވަތަ އެއްބިލިޔަންގެ އިންވެސްޓްމެންޓެއް އައިސް އެއިންވެސްޓްމެންޓަކަށް ސްޕެސިފިކް ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ހެދިގެން، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ރުހުމާއެކު، ސަރުކާރުން އެޕްރޮޖެކްޓަކީ ބަލައިގަންނަ ޕްރޮޖެކްޓަކަށްވެފައި، ދިވެހިރާއްޖޭގެ ޖުރިސްޑިކްޝަނާއި، އެއްވެސް ދިވެހިންގެ އަމަލުތަކާއި އުސޫލުތަކަށް ފުށުނާރާ، ދިވެހިރާއްޖޭގެ މާތްވެގެންވާ އިސްލާމްދީނާއި، ޤައުމިއްޔަތާއި، ސިޔާދަތާއި އެއްވެސް ކަމަކަށް ފުށުނާރާ އަދި ނޭޝަނަލް ސެކިއުރިޓީއަށް ފުށުނާރާ ކަންތައްތަކުގައި ރާއްޖޭގައި އިންވެސްޓް ކުރެވިދާނޭ. އަދި ކުރުމަކުން ނިމުނީކީ ނޫން. ކުރިއަަސް އަޅުގަނޑުމެންގެ ޤާނޫނުތައް ބަރާބަރަށް ހިނގާނެ" މިނިސްޓަރ ސައީދު ވިދާޅުވިއެވެ. 

އަދި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު ތަސްދީޤު ކުރެއްވުމާއި ގުޅިގެން ދުނިޔޭގެ ކުރިއަރާފައިވާ ބައިނަލްއަޤްވާމީ އެތައް ލޯފާމްތަކަކާއި ވިޔަފާރިތައް ދިރާސާ ކުރާ ފަރާތްތަކުން އެބިލަކީ ޒަމާނާ އެކަށީގެންވާ ބިލެއްކަމުގައި ބަލައިގެންފައިވާކަމަށާއި އޭގެ ސަބަބުން ކުރިން ނުލިބޭ އިންވެސްޓަރުންގެ އިތުބާރު މިހާރު ލިބިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.