ޚަބަރު

ކޯވިޑް-19 : ބަލިމީހާއާއެކު ހޭދަވި ކޮންމެ ވަގުތަކީވެސް ތަފާތު ތަޖުރިބާއެއް - ޑރ. މޫސާ


ކޯވިޑް-19ގެ ނުރައްކާ ރާއްޖެއަށް ކުޑަކުރުމަށް ކަމާގުޅުންހުރި މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކާއެކު، ރާއްޖޭގައި މި ބައްޔަށް ޕޮސިޓިވްވި 2 މީހަކު، ބަލިން ފަސޭހަވި ޚަބަރު ސަރުކާރުން އިޢުލާންކުރުން ވެގެންދިޔައީ ގިނަ ބަޔަކަށް އުއްމީދު ގެނުވި ޚަބަރަކަށެވެ.

މި ދެމީހުންނަށް އައި.ޖީ.އެމް ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފަރުވާ ދީފައިވާއިރު، މިކަމުގައި އިސްކޮށް ހަރަކާތްތެރިވި ނޭވާލާ ނިޒާމުގެ ބަލިތަކާބެހޭ ޚާއްސަ ޑރ. މޫސާ ޙުސެއިން ވަނީ، އޭނާގެ ތަޖުރިބާ ނެޝަނަލް އިމަރޖެންސީ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ. ޑރ. މޫސާ ސިފަކުރައްވާގޮތުގައި މިއީ ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދީ، ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހާލު ބޮޑުވެގެން ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 70 އަހަރުގެ މީހާ އެތަނުގެ އައި.ސީ.ޔޫއަށް ގެނެސްފައިވަނީ 10 މާރިޗު 2020 ވަނަ ދުވަހުއެވެ. އޭނާ ހޮސްޕިޓަލަށް ގެނައިއިރުވެސް އޮކްސިޖަން ވަރަށް ބޮޑަށް ދަށްވެފައިވާކަމަށާއި، ފުއްޕާމޭގެ ދެ ފަރާތަކަށްވެސް ނިއުމޯނިއާގެ އަސަރުކޮށްފައިވާކަމަށް އައި.ޖީ.އެމް.އެޗްގައި ޤާއިމުކޮށްފައިވާ ނެޝެނަލް ރެސްޕިރޭޓަރީ މެޑިސިންވެސް ލީޑްކުރައްވާ ޑރ. މޫސާ ޙުސެއިން ވިދާޅުވިއެވެ. ޑރ. މޫސާ ވިދާޅުވީ، އެމީހާއަށް ފަރުވާ ދެމުންދިޔަ ފުރަތަމަ 3 ދުވަހުވެސް އޭނާގެ އޮކްސިޖަން ވަރަށް ބޮޑަށް ދަށްވެގެންދިޔަކަމަށާއި، އަލާމާތްތަކަށް ބަލާ ދެމުންދިޔަ ބޭހުގެ އަސަރުކުރަން ފަށާފައިވަނީ 5 ވަނައަށްވީ ދުވަހުކަމަށެވެ.

"ބޭރަށް ހިންގުމާއި ހާލަތު ދަށްވަމުން ދަށްވަމުންގޮސް 5 ވަނަ ދުވަހު އަޅުގަނޑުމެންނަށް އިމްޕްރޫވްމަންޓެއް ފެންނަށް ފެށްޓީ ބަލި މީހާގެ ފަރާތުން. 5 ވަނަ ދުވަހު ހުން އަންނަވަރާއި، ހުން އަންނަ މިންވަރު ދަށްވެ، ހާލަތު ރަނގަޅުވަމުންގޮސް އިއްޔެއެއީ ފުރަތަމަ އަލާމާތްތައް ފެނުންފަހުން 14 ދުވަސްވީ ދުވަސް. އިއްޔެ އަޅުގަނޑުމެން ސާމްޕަލް ޓެސްޓް ހެދިން. އިއްޔެ ނެގެޓިވް. މިއަދު ދެވަނަ ސާމްޕަލް އަޅުގަނޑުމެން ހަދައިފިން. މިއަދުވެސް ނެގެޓިވް. 14 ދުވަހުގެ ޑިއުރޭޝަނަށް ބަލާ އަޅުގަނޑުމެން މި ބުނަނީ 3 ދުވަހަށްވުރެ ގިނައިން ހުން ނާންނަކަމަށްވެފައި، ބަލި މީހާގެ ހާލަތު ރަނގަޅުވެފައި 2 ސާމްޕަލް ނެގެޓިވް ވެއްޖެއްޔާ އަޅުގަނޑުމެން މިބުނަނީ ކިޔޯޑްއޭ. އެހެންނޫންނަމަ ބަލިން ރަނގަޅުވީއޭ" ޑރ.މޫސާ ވިދާޅުވިއެވެ.

ޑރ. މޫސާ ޙަސަން ވިދާޅުވީ، ބެކްޓީރިއަލް ނިއުމޯނިއާތަކާއި ޚިލާފަށް ކޯވިޑް-19 ގުޅިގެންޖެހޭ ނިއުމޯނިއާގެ އަސަރު މުޅި ފުއްޕާމެއަށް ކުރާކަމަށާއި، އެ ބަލިމީހާއަށް ފަރުވާ ކުރުން ވެގެންދިޔައީ ވަރަށް ބޮޑު ގޮންޖެހުމަކަށް ކަމަށެވެ. އެގޮތުން ހިމަގްލޮބިން ދަށްވުމާއި، ބޭރަށް ހިންގުމާއި، ކެލްސިއަމް ދަށްވުންފަދަ ކަންކަން ބަލިމީހާގެ ކިބައިން ފެނުނުކަމަށް ޑރ. މޫސާ ފާހަގަކުރެއްވިއެވެ.

"އެނގިލައްވާނެ ކޯވިޑަކަށް އަދި ސްޕެސިފިކް ބޭހެއް ނުހުރޭ. މި ހުންނަނީ މުޅިން ރިސާރޗް ބޭސްތަކެއް. އޭގެންވެސް އެންމެ ރިކޮމެންޑް ކުރާ ބޭސްތައް އަޅުގަނޑުމެން މި ދިނީ. ޗައިނާއާއި އެހެން ޤައުމުތަކުގެ އެކްސްޕީރިއަންސް އަށްވެސް ބަލާފައި އެބޭފުޅުން ދެމުންދިޔަ ބޭސްތައް އަޅުގަނޑުމެންވެސް ދެމުންދިޔައީ. ބޭސް ދިނީމާ ހަމަ 48 ގަޑިއިރުގެ ތެރޭގައި ޕޭޝަންޓުގެ ހުން މަޑުވެގެންދިޔަ. އެހެންވީމަ އަޅުގަނޑުމެން ޤަބޫލުކުރަނީ ބޭހަށް ރެސްޕޮންޑްކުރީކަމަށް" ޑރ.މޫސާ ވިދާޅުވިއެވެ.

ޑރ. މޫސާ ޙުސައިން ވިދާޅުވީ، ފަރުވާގެ ކަންކަން ކުރިއަށްދިޔަ މުއްދަތުގެ ތެރޭގައި ބަލި މީހާއާއެކު ހޭދަވި ކޮންމެ ވަގުތުކޮޅަކީވެސް ވަރަށް ބައިވަރު އައު ތަޖުރިބާތަކެއް ލިބިގެންދިޔަ ވަގުތުކޮޅެއްކަމަށެވެ. އަދި މިއީ "ޓީމް-އެފޯޓް"އަކާއެކު ހޯދުނު ކާމިޔާބީއެއްކަމަށާއި، މި ލިބުން ތަޖުރިބާ ސަރަޙައްދީ އެހެން ޤައުމުތަކާވެސް ހިއްސާކުރަމުންދާނެކަމަށް ޑރ. މޫސާ ޙަސަން ވިދާޅުވިއެވެ.

ކޯވިޑް-19 އަށް ރާއްޖޭން ޕޮސިޓިވް މީހުންގެ ތެރެއިން ރަނގަޅުވި ދެވަނަ ބަލި މީހާގެ ހާލަތުވެސް ރަނގަޅުވަމުންދާކަމަށާއި، އޭނާގެ ސާމްޕަލްވެސް 2 ފަހަރުގެ މަތިން ނެގެޓިވްވެފައިވާކަމަށް ޑރ. މޫސާ ވިދާޅުވެފައިވެއެވެ. މި ދެ މީހުންވެސް ހޮސްޕިޓަލުން ޑިސްޗާރޖްކޮށްލިނަމަވެސް، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އަނބުރާ ޤައުމަށް ފޮނުވާލެވޭނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހުކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.