ޚަބަރު

ކޯވިޑް-19: ޗައިނާއިން ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ


ޗައިނާއިން އިސްނަގައިގެން ޔޫރޯ އޭޝިއާ އަދި ސައުތު އޭޝިއާގެ ޤައުމުތަކަށް ޚާއްސަކޮށްގެން ކޯވިޑް-19އާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފަރާތުން މިވީޑިއޯ ކޮންފަރެންސްގައި ބައިވެރިވި ޓީމު ލީޑް ކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް ޑރ.ޝާހް ޢަބްދުﷲ މާހިރެވެ. މި ވީޑިއޯ ކޮންފަރެންސްގައި ދިވެހިރާއްޖެ ހިމެނޭހެން ޔޫރޯ އޭޝިއާ އަދި ސައުތު އޭޝިއާގެ 18 ޤައުމެއްގެ ޑޮކްޓަރުންނާއި، ޞިއްޙީ މާހިރުން ބައިވެރިވެފައިވެއެވެ. އަދި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށާއި، މި ބަލިން ރައްކާތެރިވުމަށްޓަކާ އެޅިދާނެ މުހިންމު ފިޔަވަޅުތަކާގުޅޭގޮތުން ބައިވެރިންގެ މެދުގައި ވަނީ މަޝްވަރާކޮށްފައެވެ.

4 ގަޑިއިރަށް ދެމިގެންދިޔަ މިވީޑިއޯ ކޮންފަރެންސްގެ ތެރެއިން ކޯވިޑް-19އާ ގުޅިގެން އުފެދިފައިވާ ތަފާތު ސުވާލުތަކަށް އެކި ޤައުމުތަކުގެ މެދުގައި ޚިޔާލު ބަދަލުކޮށްފައިވެއެވެ.

މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ޗައިނާގެ ހޫބެއި ޕްރޮވިންސްގެ ވޫހާން ސިޓީން ފެނުނު ކޯވިޑް-19 މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާއިރު، ޗައިނާގައި މިބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ވަނީ ތަޢުރީފުކޮށްފައެވެ. ކޯވިޑް-19 ފެތުރޭ މިންވަރު ޗައިނާގައި މަދުކުރެވުމާއެކު، މިބަލި މިހާރު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ޤައުމުތަކަށް ޗައިނާއިން އަންނަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ގޯސްވިޔަނުދީ ދިވެހި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވަނީ ތަޢުރީފުކޮށްފައެވެ. އެގޮތުން ޗައިނާ ސަފީރު ކޮށްފައިވާ ޓުވީޓެއްގައި، ގޮންޖެހުންތަކާއެކުވެސް ދިވެހިރާއްޖެއިން ކޯވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ކުރަމުންދަނީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއްކަން ސަފީރު ފާހަގަކުރައްވާފައިވެއެވެ.