ޚަބަރު

މާލެ ސަރަހައްދުގައި ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ބަންދުކުރަން ނިންމައިފި


ހޮނިހިރު ދުވަހުގެރޭ މެންދަމު ބާރައިން ފެށިގެން މާލެ ސަރަހައްދުގައި ކެއިންބުމުގެ ޚިދުމަތްދޭ ހުރިހާ ތަނެއް ބަންދުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ މެންދަމު 12 އިން ފެށިގެން މާލޭގައި ހިންގަމުންދާ ކެފޭ ރެސްޓޯރެންޓުތަކާއި، އެތަންތަނުން ދެމުންދާ އެންމެހައި ޚިދުމަތްތައް ބަންދުވާނެކަމަށް. ނަމަވެސް ޓެކްއަވޭ އުސޫލުން ކާބޯތަކެތި ވިއްކުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ.

ރާއްޖޭގައި ކޯވިޑް 19 ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިއްޔެއިން ފެށިން އެހެން ޤައުމަކުން ފުރާ ޔޮޓާއި ސަފާރީ ފަދަ އުޅަނދު ރާއްޖެ އައުމާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުން ވަނީ މަނާކޮށްފައެވެ. އަދި ރިސޯޓްތަކުގައި ހަދާފައިވާ ސްޕާތައް ފިޔަވައި ރާއްޖޭގައި ހިންގާ އެހެން ސްޕާތައް ބަންދުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރެންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުންވެސް ވަނީ މަނާކޮށްފައެވެ.

މި މަހުގެ 19 އިން 26 އަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރާގޮތަށް ހަމަޖެއްސިނަމަވެސް ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ އަސާސީ ޚިދުމަތްތައް، މެދުކެނޑުމެއްނެތި ދެއްވުމަށް ބޭނުންވާ އެންމެމަދު މުވައްޒަފުން މަސައްކަތަށް ނެރެގެން 17 ތަނަކުންދޭ ޚިދުމަތްތައް ދެވޭނެ އިންތިޒާމް، އިދާރާތަކުން ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

- ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތް

- ޢަދުލު އިންޞާފުގެ ބާރާއި ކޯޓުތަކުގެ ޚިދުމަތް

- ސިފައިންނާއި ފުލުހުންގެ ޚިދުމަތް

- ފެނާއި ކަރަންޓާއި ނަރުދަމާ އަދި އިންޓަރނެޓާއި ފޯނުގެ ޚިދުމަތް

- ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް

- ސޯޝަލް ޕްރޮޓެކްޝަން ސަރވިސް އާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިންނާއި މީހުން ބައިތިއްބައިގެން ބަލަހައްޓާ މަރުކަޒުތަކުގެ ޚިދުމަތް

- އެއަރޕޯޓުތަކާއި ސީޕޯޓްތަކުގެ ޚިދުމަތް

- ބްރޯޑްކާސްޓިންގ ޚިދުމަތް

- ބޭންކިންގ ޚިދުމަތް

- ފަޔަރ އެންޑް ރެސްކިއު ޚިދުމަތް

- މީޓިއޮރޮލޮޖިކަލް ޚިދުމަތް

- ކައްކާ ގޭހުގެ ޚިދުމަތް

- ފިއުލްގެ ޚިދުމަތް

- ކުނިނަގައި އުކާލުމުގެ ޚިދުމަތް

- ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތް

- ޖަލުގެ ޚިދުމަތް

މީގެއިތުރުން، ކޯވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް މިހާރު އަޅުއްވާފައިވާ އެކިއެކި ފިޔަވަޅުތަކުގެ އިތުރަށް، އެއްތަނަކަށް މީހުން އެއްވެ ހިންގާ ޙަރަކާތްތައް ވަގުތުން ހުއްޓާލުމާއި، ރާއްޖޭގެ އަތޮޅުތަކަށާއި، ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމާއި، އެކި ކަންކަމުގައި ބޭރަށް ނުކުތުން ވީހާވެސް ބޮޑަށް މަދުކުރެވޭނެ ގޮތެއްގެ މަތިން ރައްޔިތުންގެ ޢަމަލުތައް ބެހެއްޓުމުގެ މުހިންމުކަން، ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ފާހަގަކުރައްވައި، މިކަމާ ގުޅޭގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް، ކަމާބެހޭ އިދާރާތަކުން އެޅުއްވުމަށްވެސް ވަނީ ނިންމަވާފައެވެ.