ޚަބަރު

ނުގަވާއިދުން މާލީ މުޢާމަލާތްތައް ހިންގާނަމަ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރާގޮތަށް އިޞްލާހެއް


  • ބިލުގައިވާ ގޮތުން ޕޭމަންޓް ސިސްޓަމެއް ހިންގުމަށްޓަކައި އެމްއެމްއޭއަށް ކުންފުންޏެއް ހެދިދާނެ

  • 1 ލައްކަ ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކުށްތައް ހިމަނާފައިވޭ

ގަވާއިދާ ޚިލާފަށް މާލީ މުޢާމަލާތްތައް ހިންގާ މީހުންނަށް ބޮޑެތި އަދަބުތަކެއް ކަނޑައެޅުމަށްޓަކައި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިސްލާހުތަކެއް ހުށައަޅައިފިއެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤެވެ.

ބިލު ހުށައެޅުމުގެ ބޭނުމެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ޕޭމަންޓް ސިސްޓަމްތައް ހިންގުމަށާއި، ޕޭމަންޓް ޚިދުމަތްތައް ދިނުމުގެ ބޭނުމަށް ކުންފުންޏާއި އެނޫންވެސް ޤާނޫނީ ޝަޚުސުތައް އުފެއްދުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއަށް ލިބިދިނުމާއި ޕޭމަންޓް ޚިދުމަތްތައް ސޮލިސިޓްކުރުން މަނާކޮށް، އަދަބު ކަނޑައެޅުމާ ބެހޭ އުޞޫލުތައް ޤާނޫނުގައި ހިމެނުމެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ބިލުގައިވާ ގޮތުން ޕޭމަންޓް ސިސްޓަމެއް ހިންގުމަށްޓަކައި ނުވަތަ ޕޭމަންޓް ޚިދުމަތެއް ދިނުމަށްޓަކައި ޙިއްސާދާރެއްގެ ނުވަތަ ޕާޓްނަރެއްގެ ހައިސިއްޔަތުން ނުވަތަ އެހެންވެސް ހައިސިއްޔަތަކުން ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ޖޮއިންޓްވެންޗަރއެއް އެމްއެމްއޭއަށް އުފެއްދިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. މިހާރު ޤާނޫނު އޮތްގޮތުން މި ބާރު އެމްއެމްއޭއަށް ލިބިދީފައިނުވެއެވެ.

މި ބިލުގައި އެންމެ ބޮޑަށް ހިމަނުއްވާފައިވަނީ ޕޭމަންޓް ސިސްޓަމްތައް ސޮލިސިޓްކުރުން ނުވަތަ ގަވައިދާ ޚިލާފަށް މާލީ މުޢާމަލާތްތައް ހިންގުން ކުށްވެރިކުރުމާއި އެކަމަށް އަދަބު ކަނޑައެޅުމުގެ ބައެވެ. އެގޮތުން ޤާނޫނުގައި ބަޔާންކުރާ ބައެއް ބޭންކުތަކާއި އެމްއެމްއޭއިން އިސްތިސްނާކޮށްފައިވާ ފަރާތްތަކާއި އިސްތިސްނާކޮށްފައިވާ ހަރަކާތެއް ހިންގާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން އޮތޯރިޓީން ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ލިބިގެން މެނުވީ ރާއްޖޭގައި ޕޭމަންޓް ޚިދުމަތެއް ދީގެން އަދި ޕޭމަންޓް ޚިދުމަތެއް ސޮލިސިޓްކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް އިސްތިސްނާކުރާ ފަރާތްތަކާއި ހަރަކާތެއް ހިންގާ ފަރާތްތައްވެސް ހިމެނޭ ގޮތުން ރާއްޖެއިން ބޭރުގެ ފަރާތެއްގެ ފަރާތުން ޕޭމަންޓް ޚިދުމަތެއް ސޮލިސިޓްކޮށްގެން ނުވާނެކަމަށް ބިލުގައިި ބަޔާންކޮށްފައިވެއެވެ. އަދި މި ބިލުގައި ނުކުރުމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ، އެ ފަރާތެއް 1 ލައްކަ ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް ބިލުގައި ބަޔާންކުރެއެވެ.

ޕޭމަންޓް ސޮލިސިޓްކުރުމަކީ ރާއްޖޭގެ ޢާންމުންނަށް ނުވަތަ ޢާންމުންގެ ބަޔަކަށް ޕޭމަންޓް ޚިދުމަތެއް ދިނުމަށް ހުށައެޅުން ނުވަތަ ޕޭމަންޓް ޚިދުމަތެއް ދިނުމުގެ ހުށަހެޅުމެއް ހިމެނޭ އިޝްތިހާރެއް ކުރުން ނުވަތަ ޕޭމަންޓް ޚިދުމަތެއް ދިނުމާ ގުޅޭގޮތުން އެއްބަސްވުމެއް ހެދުމަށް ހުށަހެޅުން ނުވަތަ އެފަދަ އެއްބަސްވުމެއް ހެދުމަށް ދަޢުވަތު ދިނުން ނުވަތަ އެފަދަ ހުށަހެޅުމެއް ނުވަތަ ދަޢުވަތެއް ހިމެނޭ އިޝްތިހާރެއްކުރުމެވެ.

މި ބިލަށް ޢަމަލުކުރަން ފަށާނީ ބިލު މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.