ޚަބަރު

ކޯވިޑް-19 : ޕެރަޑައިސް އައިލެންޑް ރިސޯޓުން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް


ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޕެރަޑައިސް އައިލެންޑް ރިސޯޓުން ނެގި ސާމްޕަލްތަކުގެ ނަތީޖާތައް ނެގެޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ސާމްޕަލްތަކުގެ ނަތީޖާ މީގެ އިރުކޮޅެއް ލިބިފައިވާއިރު ހުރިހާ ސާމްޕަލްތަކެއްވެސް ކޯވިޑް-19އަށް ނެގެޓިވް ވެފައިވާކަމަށެވެ. އަދި އެރިސޯޓް މިހާރު މޮނިޓަރިންގެ ހާލަތުން ނަގާފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19 ރައްޖެއިން އެންމެ ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުން މީގެ 14 ދުވަސްކުރިން ކަރަންޓީން ކުރި 14 ބިދޭސީންގެ ކަރަންޓީންގެ މުދައްތު ހަމަވެފައިވާތީ މިހާރު އެމީހުން ދޫކޮށްލާފައިވާކަމަށްވެސް އެޗްޕީއޭއިވަނީ ވިދާޅުވެފައެވެ.

ނޭޝަނަލް އެމެޖެންސީ ސެންޓަރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯވިޑް-19އާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިހުންނަވާ ތަރުޖަމާން މުޙައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ މިހާތަނަށް ރާއްޖެއިން 571 ސާމްޕަލް ނެގި ޓެސްޓުކޮށްފައިވާއިރު އޭގެ ތެރެއިން 502 މީހަކު ކޯވިޑް-19އަށް ނެގެޓިވް ވެފައިވާއިވާކަމަށެވެ.

ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 13 މީހެއް:
ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
ކުރަމަތި މޯލްޑިވްސްއިން 2 މީހުން
ސަފާރީއަކުން 2 މީހުން
އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުން

ރާއްޖޭގައި ކޯވިޑް 19 ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިއްޔެއިން ފެށިން އެހެން ޤައުމަކުން ފުރާ ޔޮޓާއި ސަފާރީ ފަދަ އުޅަނދު ރާއްޖެ އައުމާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުން ވަނީ މަނާކޮށްފައެވެ. އަދި ރިސޯޓްތަކުގައި ހަދާފައިވާ ސްޕާތައް ފިޔަވައި ރާއްޖޭގައި ހިންގާ އެހެން ސްޕާތައް ބަންދުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރެންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުންވެސް ވަނީ މަނާކޮށްފައެވެ.