ޚަބަރު

ކޯވިޑް-19: ކެފޭ ރެސްޓޯރަންޓް ތަކުގައި ޝީޝާ ބުއިން މަނާކޮށްފި

ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރެންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުން މަނާކޮށްފިއެވެ.

ކެފޭ ރެސްޓޯރަންޓްތަކުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުން ހުއްޓާލަން އަންގާފައިވަނީ ދިވެހިރާއްޖޭގައި ކޯވިޑް 19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ރާއްޖޭގައި މިހާރު އިޢުލާންކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

އެގޮތުން މިރޭ 12:00 އިން ފެށިގެން، ވަކި ގޮތެއް އަންގަންދެން، ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުން ވަނީ މަނާކުރައްވާފައެވެ.

އަދި މިކަން ތަންފީޛުކޮށް، އަޅަންޖެހޭ ފިޔަވަޅަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހާ އިދާރާތަކަށާއި ފަރާތްތަކަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުވަނީ އަންގަވާފައެވެ.

އަދި، މި އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހާ ފަރާތްތަކަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އަންގާފައެވެ.

ރާއްޖޭގައި، ޚާއްސަކޮށް ވެރިރަށް މާލޭގައި އެކަކަށްވުރެ ގިނަ މީހުންގެ ގްރޫޕްތަކުން މިފަދަ ޚިދުމަތްދޭތަންތަނަށްގޮސް ޝީޝާބޯތަން ފެނެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ބަޔަކު އެއްތަނަށް އެއްވުން މިވަގުތަށް އެންމެ ރަނގަޅުނޫންކަން ކަމާގުޅުހުންހުރި އިދާރާތަކުންނާއި ތަޖުރިބާކާރުންދަނީ ވިދާޅުވަމުންނެވެ.