ޚަބަރު

"މާލެތެރެއަށް ބޭސްޖަހާ ވާހަކައާއި، މީހުން ބަންދުކުރާކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް"


މާލޭގައި މީހުންނަށް ގެއިންބޭރަށް ނިތުންމަނާކޮށް މާލެތެރެއަށް ބޭސްޖަހުމާއި، ރޯޑްބްލޮކްޖަހައިގެ މީހުން ބަންދުކުރާކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގުވާހަތަކެއް ކަމުގައި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް ޢަޒީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މަބުރޫކް ވިދާޅުވީ އެއްވެސް ފަރާތަކުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އެއްވެސް ވާހަކަތަކެއް ނުފެތުމަށް އެދިވަޑައިގަންނަވާކަމަށެވެ.

މިހާރު ފެތުރެމުންފާ ދޮގު ޚަބަރުތަކުގެ ތެރެއިން މާލޭގައި މީހުންނަށް ގެއިންބޭރަށް ނިތުން މަނާކޮށް މާލެތެރެއަށް ބޭސްޖަހަން އުޅޭކަމަށް ދެކެވޭ ވާހަޔަކީ ސްރީލަންކާގައި އެޤައުމުގެ ސަރުކާރުން ކުރުމަށް ނިންމާފައިވާކަމެއްކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ރޯޑްބްލޮކްޖަހައިގެން ފުލުހުން މީހުން ބަންދުކުރާކަމަށް ދެކެވޭ ވާހަޔަކީ މެލޭޝިއާ ސަރުކާރުން އެޤައުމުގައި އެޅަން ނިންމާފައިވާ ފިޔަވަޅަކާ ގުޅޭ މެސެޖެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މިހާލަތުގައި މިފަދަ ދޮގުމައުލޫމާތު އެއްވެސް ފަރާތަކުން ނެފުތުރުމަށް މަބުރޫކްވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ. އަދި ރައްޔިތުން ފަރުދީ ޒިންމާ އަދާކުރައްވައި ގޭގައި ތިބުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ. އަދި ސަރުކާރުން މިދަނޑިވަޅުގައި އެއްވެސް ފިޔަވަޅެއް އަޅާނަމަ އަދިއެއްވެސް ކަމެއް ކުރަން ނިންމާނަމަ އެކަމެއް ނިންމާނީ ރައްޔިތުންނާއި ހިއްސާ ކުރުމަށް ފަހުގައިކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ކޮންމެ ދުވަހުކު 2 އިރެއްގެ މަތީން ކޯވިޑްގެ މައުލޫމާތު ދެއްވުމަށް ޕްރެސްކޮންފަރެންސް ބާއްވަމުންދަނީވެސް ރައްޔިތުންނަށް ބޭނުންވާ ސައްހަ މައުލޫމާތު ވަގުތުންވަގުތަށް ގެނެސްދިނުމަށްކަން މަބްރޫކު ފާހަގަކުރެއްވިއެވެ.