ޚަބަރު

ކޯވިޑް 19: މާލޭގައި އުޅޭ ބިދޭސީންގެ އަދަދުތަކާއި ޙާލަތު ދެނެގަންނަނީ


މާލޭގައި ބިދޭސީން ދިރިއުޅޭ އަދަދާއި، އެފަދަ ތަންތަނުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ. މިމަސައްކަތަކީ ކޯވިޑް 19ގެ ޙާލަތާއި ދިމާކޮށް، މިފަދަ ތަނަކުން ބަލީގެ ޢަލާމާތެއް ފެނިޖެނަމަ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް ފަސޭހަކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ސިޓީ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި މަޢުލޫމާތު އެއްކުރާއިރު ބިދޭސީން ނިދުމަށް ބޭނުންކުރާ ތަންތަނާއި، އެފަދަ މީހުން ނިދާ ކޮޓަރިތަކުގައި ނިދާ މީހުންގެ އަދަދުތަކާއި ބެހޭ މަޢުލޫމާތު އެއްކުރާނެއެވެ. އަދި ބިދޭސީން ކައްކާ ކެއިންބުއިމުގެ ކަންކަން ކުރިއަށްދާ ބަދިގެތަކާއި ހޮޓާތަކާއި ގުޅޭ މަޢުލޫމާތުވެސް އެއްކުރާނެއެވެ.

މި މަސައްކަތުގެދަށުން އެންމެ ފުރަތަމަ މަޢުލޫމާތު އެއްކުރަން ފަށާފައިވަނީ މައްޗައްގޯޅީގެ ބައެއް ސަަރަޙައްދުތަކުންނެވެ. މި މަސައްކައްތުގައި ސިޓީ ކައުންސިލްގެ 50 ޓީމް ހަރަކާތްތެރިވަމުންދާކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.

މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މާލޭގައި ބިދޭސީން ދިރިއުޅެމުންދާ ހުރިހާ ތަނެއްގައި ކުރިއަށްގެންދާނެއެވެ.

މުޅި ރާއްޖެއަށް ބަލާއިރު އެއް ލައްކަ ތިރީސް ހާހަށްވުރެ ގިނަ ބިދޭސީން އަންނަނީ ރާއްޖޭގައި އެކި މަސައްކަތްތަކުގައި އުޅެމުންނެވެ. މީގެތެރެއިން ލައްކައެއްހާ ބިދޭސީން ދިރިއުޅެމުން އަންނަނީ މާލޭގައެވެ.