ޚަބަރު

އައިސޮލޭޝަނާއި ކަރަންޓީނުގައި ތިބި ދިވެހިންގެ ޢާއިލާތަކަށް ހޮޓްލައިނެއް ޤާއިމުކޮށްފި


ރާއްޖެއިން ބޭރުން އެނބުރި ޤައުމަށްއައި މީހުންގެ ތެރެއިން ކަރަންޓީނާއި އައިސޮލޭޝަންގައި ތިބި މީހުންނާއި އެމީހުންގެ ޢާއިލާތަކަށް ގުޅޭނެ ޚާއްސަ ހޮޓްލައިނެއް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ޤާއިމްކުރައްވައިފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް ޢަޒީޒު ވިދާޅުވީ ކޯވިޑް-19އަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖެއިން ބޭރުންއަންނަ ކޮންމެ ދިވެއްސެއްވެސް 14 ދުވަހުގެ ކަރަންޓީނަށް ނުވަތަ އައިސޮލޭޝަނަށް ގެންދާނެކަމަށެވެ.

ގިނަ ޢަދަދެއްގެ ދިވެހިން މިހާރުވެސް މިފަދަ ފެސިލިޓީސްތަކުގައި ތިބިއިރު އެފަރާތްތަކުގެ ޢާއިލާތަކުން އެމީހުންނާ މުޢާމަލާތްކޮށް ހަދިޔާ ފޮނުވުމަށް ބޭނުންވާކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ. މިފަދަ އާއިލާތަކަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ވަނީ ހޮޓްލައިނެއް ޤާއިމުކޮށްފައެވެ. އެގޮތުން އެއްވެސް މަޢުލޫމާތެއް ބޭނުންވާނަމަ ޢާއިލާތަކުން ހޮޓްލައިން ނަންބަރަށް ގުޅުމަށްވަނީ އިލްތިމާސް ކުރައްވާފައެވެ. ހޮޓްލައިން ނަމްބަރަކީ 7290223 އެވެ.

އައިސޮލޭޝަންގައާއި ކަރަންޓީން ފެސިލިޓީސްތަކުގައި ތިބިމީހުން

  • ވިލިވަރު - 25 މީހުން
  • ހުޅުމާލެ ކަރަންޓީން ފެސިލިޓީ، އެޗްއައިއެޗް - 75 މީހުން
  • ފަރުކޮޅުފުށި - 0
  • ޑީއެެޗް 11 - 2 މީހުން
  • ވެލިދޫ - 16 މީހުން
  • ފަން އައިލެންޑް - 51 މީހުން

މިހާތަނަށް ޓެސްޓުގެ ނަތީޖާލަތަށް ލިބިފައިވާ ރަށްތަކުގެ ތެރޭގައި "ރިއު ހޮޓެލް"އާއި، ޅ.ހިންނަވަރާއި، ފައިނު، އުކުޅަސް، ވިލިމާލެ، މާލެ، ހުޅުމާލޭގެ ހުރިހާ ސާމްޕަލްތަކެއްވެސް ނެގެޓިވް ވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އެކިޤައުމުތަކުގެ ތިބި ދިވެހިންގެ ތެރެއިން ބައެއް މީހުން ރާއްޖެއަށް އަންނަމުންދާކަމަށެވެ. ރާއްޖެއަށް އަންނަ ދިވެހިންވެސް 14 ދުވަހުގެ ކަރަންޓީންއަށް ކަރަންޓީން ފެސިލިޓީސްތަކަށް ގެންދެވިފައިވާކަމަށެވެ. އެގޮތުން އެކި އެއާލައިންތަކުން ރާއްޖެއަށް އައިސްފައިވާ 79 ދިވެއްސަކު މިހާރު އެކި ފެސިލިޓީސްތަކުގައި ބޭތިއްބިފައިވާކަމަށެވެ.

އަދި ކޮންމެ ދުވަހެއްގެވެސް ހެދުނު 9 އިން 11 އަށް ހަދިޔާ ފޮނުވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ. ކޯވިޑް 19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންދަނީ މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އަދި މިފަދަ ކޮންމެ ފިޔަވަޅަކަށް ރައްޔިތުން ސަމާލުހެ އިޚްތިރާމް ކުރެއްވުމަށް ސަރުކާރުން ދަނީ އިލްތިމާސް ކުރައްވަމުންނެވެ.