ބޭރުގެ
ފަރާތްތަކަށް ރާއްޖެއިން ބިން މިލްކް ކުރެވޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި
އިސްލާހަކީ، ރައީސުލް ޖުމްހުރިއްޔާގެ ޙާރިޖީ ސިޔާސަތަށް ލިބިގެންދިޔަ ވަރަށް
މުހިއްމު ކުރިއެރުމެއް ކަމަށް ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ
ބައްދަލްވުމެއްގައި ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ މިއަދު ތަސްދީޤް
ވެގެން ދިޔަ ބިލުގެ ސަބަބުން ބޭރުގެ ބިޔަ އިންވެސްޓްމަންޓްތައް ރާއްޖެއަށް
ގެނައުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި ޤާނޫނު އަސާސީއަށް ގެނެވުނު މި އިސްލާހަކީ
ރާއްޖޭގެ ތަރައްޤީއަށް ރައީސް ޔާމީން ގެންގުޅުއްްވާ ތަސައްވަރާއި އެއްގޮތަށް
ކަންތައްތައް ތަންފީޒް ކުރުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް ދުންޔާ
ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ދުންޔާ ވަނީ ސަރުކާރުން ރާއްޖޭގެ ރަތްޔިތުންނަށް
އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫއެއް އަރާނެ ފަދަ އެއްވެސް
ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.