ޚަބަރު

ކޯވިޑް-19: މެލޭޝިއާގައި އަމުރަށް ނުކިޔަމަންތެރިވާ މީހުން 2 އަހަރަށް ޖަލަށް


ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމުގެގޮތުން މެލޭޝިއާ އެއްކޮށް "ލޮކްޑައުން"ކުރުމަށްފަހު، މަގުތަކަށް ނުކުމެ އުޅޭމީހުންނާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅަން ނިންމައިފިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް މެލޭޝިއާ ސަރުކާރުން އެޤައުމު "ލޮކްޑައުން"ކޮށް ކުރައްވަމުންދާ މަސައްކަތްތަކުގައި ރައްޔިތުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ލިބެމުންނުދާތީ ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ. ސަރުކާރުން އަންގާފައިވާ އެންމެގުންތަކާއި ޚިލާފްވާ މީހުންނާމެދު ޤާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅުއްވުމަށްވަނީ ނިިންމާފައެވެ.

މެލޭޝިއާގެ ސަރުކާރުން އަންގާ އެންގުންތަކާ ޚިލާފަށް މަގުތަކަށް ނުކުމެ ކެފޭ ރެސްޓޯރަންޓްތައް ހުޅުވައިގެން ޚިދުމަތް ދެމުންދާ ބައެއް ފަރާތްތަކުން އެކަން ހުއްޓާނުލާތީ އިއްޔެ ވަނީ އެޤައުމުގެ މަގުތަކަށް ވިހިހާސް ފުލުހުުން ނެރެފައެވެ. ކެފޭ ރެސްޓޯރަންޓްތަކުގެ އިތުރުން މަގުތަކަށް އެއްވެސް ބޭނުމެއްނެތި ނުކުމެ އުޅޭ މީހުން ހުއްޓުވައި ޖޫރުމަނާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.

މެލޭޝިއާ ސަރުކާރުން ވަނީ މަގުތަކުގައި މިގޮތަށް އުޅޭ މީހުންނާމެދު އަޅާނެ ފިޔަވަޅުތައްވެސް ހާމަކޮށްފައެވެ. އެގޮތުން އެއްވެސް ބޭނުމެނެތި މަގުތަކަށް ނުކުމެ ކޮފީޝޮޕްތަކާއި، ރެސްޓޯރަންޓްތަކަށް ދާ މީހުން 50000 ރިންގިޓުން ޖޫރުމަނާކުރުމަށް ވަނީ ނިންނާފައެވެ. އަދި ފުލުހުން އަންގާ އެންގުންތަކަށް ނުކިޔަމަންތެރިވާ ފަރާތްތައް 2 އަހަރު ދުވަހަށް ޖަލަށްލުމަށްވެސް ވަނީ އެޤައުމުގެ ސަރުކާރުން ނިންމާފައެވެ.

ކޯވިޑް-19އިން ރައްކާތެރި ވުމަށް ދުނިޔޭގެ އެކި ޤައުމުތަކުން ހަރުކަށި ފިޔަވަޅު އަޅަމުންދާއިރު ރާއްޖެއިންވެސް ވަނީ ރައްކާތެރިވުމަށްޓަކައި މިއަދުނެ ފެށިގެން މިމަހުގެ 26ގެ ނިޔަލަށް ސަރުކާރު ބަންދުކޮށްފައެވެ. ރާއްޖޭގައި ޞިއްޚީ ގޮތުން ދެއްވާ އިރުޝާދުތަކާއިއެއްގޮތަށް އަމަލުކޮށް ފަރުދީ ޒިންމާ އަދާކުރެއްވުމަށް ސަރުކާރުންވަނީ އިލްތިމާސް ކުރައްވާފައެވެ.

ޞިއްޚީ ގޮތުން މުޅި ދިނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގައި އެޤައުމެއްގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފިޔަވަޅުތަކަކީ ބޮޑެތި އަދަބުތައްދީ ރައްޔިތުން ކުއްވެރިވާގޮތައް ކަންކަން ކުރެވޭ ހަލަތަކަށް ނެހެދުމަށް ސަރުކާރުތަކުންދަނީ ގޮވާލަމުންނެވެ. އަދި މިކަމުގައި ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކުރުމަށް ދުނިޔޭގެ ޞިއްޚަތު ޖަމްއިއްޔާއާއި، ޤައުމުތަކުގެ ސަރުކާރުތަކުން ތަކުރާރުކޮށްދަނީ އިލްތިމާސް ކުރައްވަމުންނެވެ.