ޚަބަރު

ޒަރޫރީ ބޭނުންމެއް ނެތި މަގުމަތީގައި އުޅޭ މީހުން ގެޔަށް ވެއްދުމުގެ މަސައްކަތް ފުލުހުން ފަށައިފި


ސަރުކާރު ބަންދު މިދުވަސްވަރުގައި ޒަރޫރީ ބޭނުމެއްގައި ނޫންގޮތަށް މަގުމަތީގައި އުޅޭ މީހުންނަށް ނަސޭހަތްތެރިވެ ގެޔަށް ވެއްދުމުގެ މަސައްކަތް މިއަދުގެ ފެށިގެން ކުރައްވަމުންދާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ރާއްޖޭގައި އިއުލާންކޮށްފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާތުތަކަށް ހުރިހާ ރައްޔިތުންވެސް ތަބާވާން ޖެހޭކަމަށެވެ.

މިއަދުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކޮށްފައިވާ ވަނީ ކޯވިޑް 19 އިން ރައްޔިތުން ރައްކާތެރިކުރުމަކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. މިދަނޑިވަޅުގައި އެއްވެސް ރައްޔިތަކު ގެއިން ބޭރަށްނިކުމެ މަގުތަކުގައި ނުތިއްބެވުމަށް ނަވީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވަކިން ޚާއްސަކޮށް މާލެ އޭރިޔާ ސަރަހައްދުގައި ކަމެއްނެތި ނިކުމެ އުޅޭ ފަރާތްތަކާއި ސުވާލުކޮށް ގެއަށް ވެއްދުމުގެ މަސައްކަތް ކުރައްވާނެކަމުގައި އޭނާ ވިދާޅުވިއެވެ.

ޞިއްޚީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ފުލުހުން އައިސޮލޭޝަންގައާއި، ކަރަންޓީންގައި ބޭތިއްބިފައިވާ ފަރާތްތަކުގެ ސެކިއުރިޓީ ބަލަހައްޓަމުންދާކަމަށް ނަވީން ވިދާޅުވިއެވެ. އޭގެ ތެރޭގައި ރިސޯޓްތަކައި ގެސްޓްހައުސްތަކާއި، ރަށްރަށާއި، އައިސޮލޭޝަން އަދި ކަރަންޓީގެ ފެސިލިޓީސްގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގައިވެސް ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުންދާކަމަކަމުގައި އޭނާ ވިދާޅުވިއެވެ. ނަވީން ވިދާޅުވީ އެތަންތަނާއިއެކު މިހާރު ޖުމްލަ 19 ތަނެއް ފުލުހުން ބަލަހައްޓަމުންދާކަކަމަށެވެ.

ނަވީން ވިދާޅުވީ ފުލުހުން މިދަނޑިވަޅުގައި ގޭގޭގައި މަޑުކުރުމަށް އެންގޭ ފަރާތްތަކުގެ ސެކިއުރިޓީވެސް ބަލަހައްޓަމުންދާނެކަމަށެވެ. މިކަމަކީ އެންމެގެ ޒިންމާއެއްކަމުގައި ދެކި ކަމާއިބެހޭ ފާރްތަކުން އަންގާ އެންގުންތަކަށް ސަމާލުވުމަށް ނަވީން ވަނީ ތަކުރަރުކޮށް އިލްތިމާސް ކުރައްވާފައެވެ. އަދި މިކަމުގައި ކަމާއިބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ތަބާނުވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު ފުލުހުން އަޅަމުންދާނެކަމަށް ނަވީން ވިދާޅުވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެކަހެރިވެ ހުރުމަށް އަންގާފައިވާ މީހަކު އެ އެންގުމަށް ތަބާނުވާނަމަ އެފަދަ މީހުންނާއި މެދު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅުއްވާނެކަމަށް އެޗްޕީއޭއިންވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގައި ވާގޮތުގެ މަތިން، އެފަދަ ފަރާތްތައް 5000 ރުފިޔާއަށް ވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. މިއާއިއެކު ގަވާއިދާއި ޚިލާފުވާ ފަރާތްތަކާއި މެދު އަޅާ ފިޔަވަޅެއްގެ ގޮތުން އެފަރާތްތަކުގެ ނަން ޢާއްމުކުރުމަށްވެސް ވަނީ ނިންމަވާފައެވެ.