ޚަބަރު

ޖެންޑާގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި މީހުންގެ ޢާއިލީ ބައްދަލުވުންތައް މެދުކަނޑާލައިފި


ކޯވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ފަރާތްތަކަށް ޢާއިލީ ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑާލައި އަސާސީ ކަންކަން އެފަރާތްތަކުން ތިބި މަރުކަޒަކުން ލިބޭނެ ގޮތަށް ހަމަޖައްސައިފިއެވެ.

ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ވިލިމާލޭގެ ކުޑަކުދިންގެ ހިޔާއާއި، ހުޅުމާލޭގެ ފިޔަވަތީގައި ތިބި ފަރާތްތަކުގެ އާއިލީ ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑާލިނަމަވެސް އަސާސީކަންކަން ހަމަޖެއްސުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ ތަޢުލީމާއި، ތަރުބިއްޔަތާއި މުނިފޫހިފިލުމުގެ އިންޒާމުތައް މަރުކަޒުތަކުގައިވަނީ ހަމަޖައްސާފައެވެ.

މަރުކަޒުގައި ދިރިއުޅޭ ކުއްޖަކަށް ނުވަތަ މީހަކަށް ރޯގާ ޖެހިއްޖެ ނަމަ އަދި ހުން އަތުވެއްޖެ ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކައި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ފަރުވާ ކުރަމުން ގެންދިޔުން އަދި މަރުކަޒުތަކުގައި ތިބޭ ފަރާތްތަކުގެ ޓެމްޕަރޭޗަރ ގަވާއިދުން ބެލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކުޑަކުދިންގެ ހިޔާގައި އައިސޮލޭޝަން 2 ރޫމް، ފިޔަވަތިގައި އައިސޮލޭޝަން 3 ރޫމް އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައިސޮލޭޝަން 2 ރޫމް ތައްޔާރުކުރުމުގެ މަސައްކަތާއި، އިމަޖެންސީ ޙާލަތުގައި ފަރުވާ ދިނުމަށް ބޭނުންވާ މެޑިކަލް ފެސިލިޓީއެއް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ޤާއިމުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާ މުޢާމަލާތުކުރާނެ ފޯކަލްޕޮއިންޓެއް ކޮންމެ މަރުކަޒަކުން ކަނޑައެޅައި، މިނިސްޓްރީއާ މުޢާމަލާތުކުރާނެ ފޯކަލްޕޮއިންޓެއް ކޮންމެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަކުން ކަނޑައެޅުމަށް ވެސް ވަނީ ނިންމާފައެވެ.