ޚަބަރު

ޕޭޝަންޓް-31އަށް ނުވޭ!


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 މިވަގުތު އެންމެބޮޑަށް ފެތުރެމުންދާ އެއްޤައުމަކީ ދެކުނު ކޮރެޔާއެވެ.

ކޮރެޔާގައި ހުއްޓުމެއްނެތި ކޯވިޑް-19 ފެތުރެންފެށީ ކީއްވެގެންތޯ މިއީ މިވަގުތު އަޅުގަނޑުމެން ވިސްނާލަންޖެހޭ މުހިންމު ކަމެކެވެ. އެޤައުމުގައި މިބަލި މިހާވަރަށް ފެތުރި ނުރައްކާތެރި ޙާލަތަކަށް ދިޔައީ އެންމެ މީހަކާއެދިއެވެ. އެއީ ދެކުނު ކޮރެޔާގެ ޕޭޝަންޓް-31އެވެ. އެއީ އެޤައުމުގައި 31ވަނައަށް ކޯވިޑް-19 ޖެހުނު މީހާއެވެ. މިދެންނެވި ޕޭޝަންޓް-31ގެ ކޮންޓެކްޓް ޓްރޭސިން ހެދުމުން އެނގުނުގޮތުގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެނާ ވަނީ 1،160 މީހުންނާ ބައްދަލުވެފައެވެ.

މީގެ ސަބަބުން ވައިރަހުގެ ކުދި ކްލަސްޓާތަކެއް ނުވަތަ ގްރޫޕުތަކެއް އުފެދުނެވެ. އަދި ހަލުވި މިނެއްގައި ދެކުނު ކޮރެޔާގައި ކޯވިޑް-19 ފެތުރެން ފެށުނެވެ. ބަލިމަޑުކަމެއްގެ ތެރޭގައި އިޖްތިމާޢީ ދުރުމިނެއް ގެންގުޅުމުގެ މުހިންމުކަމަކީ އެއީއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގެ ޞިއްޙީ މާހިރުން ކެނޑިނޭޅި މަސައްކަތްކުރަނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް ޞިއްޙީ މިބަލިމަޑުކަމުން ދުނިޔެ ސަލާމަތްކުރުމަށެވެ. މިބަލިމަޑުކަމުން ސަލާމަތްވުމަށް ފަރުދީގޮތުން އަޅަންޖެހޭ މުހިންމު އެތައް ފިޔަވަޅެއް އެބަހުއްޓެވެ. އޭގެތެރެއިން އެއްކަމަކީ "ސޯޝަލް ޑިސްޓެންސް" ނުވަތަ އިޖުތިމާޢީ ދުރުމިނެވެ. މިފަދަ ދުރުމިނެއް އެކަކު އަނެކަކާ ބެހެއްޓުމާއެކު، ޢާންމު ސާފުތާހިރުކަމަށް ވަރަށްބޮޑު އިސްކަން ދިނުމަކީ ޞިއްޙީ އިދާރާތަކުން ކުރާ އެންމެބޮޑު އިލްތިމާސެވެ.

ގިނަ ބަޔަކު އެއްވެއުޅޭ ހުރިހާ ޙަރަކާތްތަކާއި ބޮޑެތި ކުޅިވަރު ޙަރަކާތްތަކާއި އާޢިލީ އެއްވުންތައް ނުބޭއްވުމާއި ސްކޫލް، މަދަރުސާތައް ބަންދުކުރުމާއި ޢާންމުން އެއްވެއުޅޭ ޕާކުތައްފަދަ ތަންތަނަށް ނުދިއުމަށާއި ރެސްޓޯރަންޓުތަކާއި ކެފޭތަކަށް ނުދިއުމަކީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ފަރުދީގޮތުން ކުރެވިދާނެ މުހިންމު ކަންކަމެވެ. އެއާއެކު ބަލީގެ ޢަލާމާތެއް ފެނިއްޖެ ޙާލަތެއްގައި އަވަސް ފިޔަވަޅު އަޅައި ޞިއްޙީ މާހިރުންގެ އިރުޝާދުތަކަށް ޢަމަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ދުނިޔޭގެ 167 ޤައުމަކަށް ކޯވިޑް-19ވަނީ ފެތުރިފައެވެ. މިބައްޔާއި ބަލިފެތުރޭގޮތް ދިރާސާކުރާ ޑޮކްޓަރުން ވިދާޅުވާގޮތުގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ކުރެވިދާނެ އެންމެ މުހިންމުކަމަކީ ވައިރަސް ފެތުރުން މަދުކުރުމެވެ. މިއީ އަލަށް ފެނިފައިވާ ވައިރަހުގެ ބާވަތަކަށްވެފައި ފަރުވާއެއް ހޯދިފައިނެތުމަކީ އެންމެބޮޑު ކަންބޮޑުވުމެވެ.

މިދަނޑިވަޅެއްގައި އެދެވިގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އެޅިއްޖެނަމަ ރާއްޖޭގައި ވައިރަސް ފެތުރުން ހުއްޓުވިދާނެކަމަށް ޞިއްޙީ މާހިރުން ދެކެއެވެ. ނަމަވެސް ގިނަ ބަޔަކަށް ވައިރަހުގެ އަސަރުކޮށްފިނަމަ ނުވަތަ ފިޔަވަޅުތަކެއް އެޅުން ލަސްކޮށްފިނަމަ ބަލި ފެތުރޭ މިންވަރު އިތުރުވެ، މަދު ޞިއްޙީ ވަޞީލަތްތަކެއް ބޭނުންކޮށްގެން އެކަށީގެންވާ ފަރުވާ ނުދެވިދާނެކަމަށް ޤަބޫލުކުރެވެއެވެ.

އަލާމާތްތައް ފެނުމުގެ ކުރިން ކޯވިޑް-19 ފެތުރުމުގެ ފުރުޞަތު އޮވެއެވެ. ވައިރަހުގެ އަސަރު ހަށިގަނޑުގެ ތެރޭގައި ހުރިނަމަވެސް އެކަން އިޙުސާސުނުވެ، އަލާމަތްތައް ބޭރަށް ނުފެނި ހުރެއެވެ. އެހެންކަމުން، އެއްބަޔަކު އަނެއްބަޔަކާ ދުރުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައި އިޖުތިމާޢީ ދުރުމިނެއް ގެންގުޅުމަކީ މުހިންމުކަމެކެވެ.

ސަބަބަކީ މިއީއެވެ. ހިސާބު މިއޮތީއެވެ. ކޯވިޑް-19 ފެތުރެމުންދާގޮތުން ފެންނަނީ ވައިރަސް ފެތުރޭ ނިސްބަތް ދެގުނަވާތަނެވެ. ވައިރަސް ޖެހިފައިވާ މީހުންނާއި އިތުރަށް ބަލި ޖެހޭމީހުން ނިސްބަތުން އެއްވަރުވާތަނެވެ. ވައިރަހުގެ އަސަރުކޮށްފައިވާ ކޮންމެ މީހެއްގެ ފަރާތުން ވަކިވަރަކަށް އެހެން މީހުންގެގަޔަށް ވައިރަސްއަރައެވެ. މިވަގުތަށް ބަލާނަމަ ވައިރަސް ޖެހިފައިވާ ކޮންމެ މީހެއްގެ ފަރާތުން 2 މީހަކަށް ނުވަތަ 3 މީހަކަށް ވައިރަސް އަރައެވެ. އެއިން ކޮންމެ މީހެއްގެ ފަރާތުން އިތުރު 2 މީހަކަށް ނުވަތަ 3 މީހަކަށް ވައިރަސް ޖެހެއެވެ.

ދެގުނައިން ގުނާލާށެވެ. 1،2،4،6،8،16 މިގޮތަށެވެ. އެގޮތަށްގޮސް 20 ފަހަރު ދެގުނަވުމުން ހުންނާނީ 1 މިލިއަނަށްވުރެ ގިނަ މީހުންނަށް ވައިރަހުގެ އަސަރުކޮށްފައެވެ. 24 ފަހަރު ދެގުނަވުމުން 16 މިލިއަން މީހުންނަށް ވައިރަހުގެ އަސަރުކުރެއެވެ. ވައިރަސް ފެތުރޭ މިންވަރު އެހާވެސް އަވަހެވެ. ކޯވިޑް-19 މަޑުމަޑުން ފެތުރި އެއްފަހަރާ ގިނަވާ ސަބަބަކީ މިއެވެ. އެހެންކަމުން ވައިރަސް ޖެހޭ ނިސްބަތް ދެގުނަވެ ފެތުރުން ހުއްޓުވުމަށް އިޖުތިމާޢީ ބައްދަލުވުންތައް މަދުކޮށް، ބަލި ޖެހިފައިވާ މީހުން އެކަހެރި ކުރުމަށް ހަރުދަނާ، ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

އެކަކު ކުރާކަމަކުން ނުވަތަ ނުކުރަން ނިންމާ ކަމަކުން ބޮޑު ތަފާތެއް އާދެއެވެ. ދެކުނު ކޮރެޔާގެ ޙާލަތުން އަޅުގަނޑުމެން ޢިބުރަތް ޙާޞިލްކުރަންޖެހެއެވެ. އެއްވެސް މީހަކު ޕޭޝަންޓް-31އަށް ނުވާށެވެ.

ޤަބޫލުކުރެވޭ ޙަޤީޤަތަކީ ކޯވިޑް-19 ބާރުމިނުގައި ހުއްޓުމެއްނެތި އަބަދު އިތުރުވެގެން ނުދާނެކަމެވެ. އާބާދީއަށް އަންނަ ބަދަލުތަކާއި ސައިންސްވެރިން ކުރާ މަސައްކަތުން ވައިރަހަށް ވެކްސިނެއް އުފެއްދޭނެކަމުގެ އުންމީދު އެބައޮތެވެ. އެހެންކަމުން، އެވަބާއިން ސަލާމަތްވާނެކަމުގެ އުންމީދު އެބައޮތެވެ. އެހެން ހުރިހާ ބަލިމަޑުމެކޭ އެއްގޮތަށް އެންމެ ބޮޑުވަރުވެ، ވައިރަސް ފެތުރުން މަދުވާނެއެވެ. ނަމަވެސް، އަމިއްލަ ފަރުދީ ޒިންމާ އަދާކޮށް ވައިރަސް ފެތުރުން މަދުކުރެވޭނެ ގޮތްތަކަށް އަމަލުކުރަންޖެހޭނެއެވެ.

ވައިރަސްޖެހޭ މިންވަރު ދަށްކުރުމަށް މަސައްކަތްކުރަންވާނެއެވެ. އަމިއްލަ ޒިންމާއަދާކުރުމުން ޞިއްޙީ މާހިރުންނަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަން ވަގުތު ލިބެއެވެ. އަދި ބޭނުންވާ ވަޞީލަތްތައް ހަމަކުރަން ވަގުތު ލިބެއެވެ. ވައިރަސް ފެތުރޭ މިންވަރު މަދުކުރުމަކީ އެންމެންގެ ޒިންމާއެކެވެ.

ގިނަގިނައިން އަތްދޮންނާށެވެ. ސެނިޓައިޒަރ ބޭނުންކުރާށެވެ. އެކަކު އަނެކަކަށް ބަލައިގެން އުޅޭށެވެ. އިޖްތިމާއީ ދުރުމިނެއް ގެންގުޅޭށެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ. އެންމެންގެ ސަލާމަތް ކަށަވަރުކުރާށެވެ. އިޖްތިމާއީ ދުރުމިނެއް ގެންގުޅޭށެވެ. ޕޭޝަންޓް-31އަށް ނުވާށެވެ.