ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދު ހީނަރުވަމުންދާއިރު މިކަމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެކަމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ވަނީ ބުނެފައެވެ.
ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދީގޮތުންނާއި އެކި ގޮތްގޮތުން ދަތިތަކެއް ދިމާވާނެކަން ކަމާ ގުޅުންހުރި ފަރާތްތަކުން ބުނެފައިވާއިރު، ކާބޯތަކެއްޗާއި ކާޑުގެ ބާވަތްތައް ލިބުމުގައި ދަތިތަކެއް ދިމާވެދާނެކަމުގެ ބިރު ހީވެ އާންމުންގެ ބައެއް ފަރާތްތަކުން ދަނީ ގަނޑުކޮށް ކާބޯތަކެތި ގަނެ އެފަދަ ހާލަތަކަށް ތައްޔާރުވަމުންނެވެ. ނަމަވެސް ކާބޯތަކެތި އެތެރެކުރާ ފަރާތްތަކުން ވަނީ ރައްޔިތުން ކަންބޮޑުވާންޖެހޭފަދަ ހާލަތަކަށް އަދި ނުދާކަމަށް ބުނަމުންނެވެ.
ގިނަ ދިވެހިންނަކީ މަހާއި މަހުގެ އެކި އުފެއްދުންތައް ގިނަ އަދަދަކަށް ބޭނުންކުރާ ބަޔަކަށްވާއިރު މިފަދަ ކާބޯތަކެތީގެ ޑިމާންޑު ބޮޑުވެ މަސް ކުންފުނިތަކަށްވެސް ވަނީ ބާރު ބޮޑުވެފައެވެ. އެގޮތުން މިފްކޯއިން ވަނީ މި ދެތިން ދުވަހު މަސްދަޅުގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކޮށްފައެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެމުން މިފްކޯގެ ސޭލްސް އެންޑް މާކެޓިންގެ މެނޭޖަރ، އައިޝަތު ރިޔާޒާ ވިދާޅުވީ މި ދުވަސްވަރު މިފްކޯގެ ފިހާރަތަކުން މަސްދަޅު ކޭސް ގަނޑުކޮށް ގަންނަމުންދާ މިންވަރު އިތުރުވެފައިވާކަމަށެވެ.
ރިޔާޒާ ވިދާޅުވީ އާންމުންގެ ތެރޭގައި އުފެދިފައިވާ ކަންބޮޑުވުމާއެކު މިފްކޯގެ ފިހާރަތައް ތޮއްޖެހިފައިވާކަމަށާއި މިކަން ހައްލުކުރުމަށް މިފްކޯއިން މަސައްކަތް ކުރަމުންދާކަމަށެވެ.
ރިޔާޒާ ވިދާޅުވީ މިފްކޯގެ މަސް ބަންދުކުރާ ކާރުޚާނާތަކުން ދަޅުގައި މަސް ބަންދުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށެވެ. އަދި ރޯދަމަހުގެ ނިޔަލަށް އެއްވެސް ދަތިކަމެއް ނެތި އާންމުންނަށް މަސްދަޅު ފޯރުކޮށްދެވޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.
" ތިން ދުވަހުގެ ތެރޭގައި ވަރަށް ބޮޑު ޑީމާންޑެއް އައި. މިއީ ރޯދަމަހު އަންނަ ޑިމާންޑަށް ވުރެ ވެސް އިތުރު މިންވަރެއް." ރިޔާޒާ ވިދާޅުވިއެވެ.
މިފްކޯއިން ދަނީ ދަޅުމަހާއި މަހުގެ އެކި ބާވަތްތައް ބޭރުގެ މާކެޓަށްވެސް އެކްސްޕޯޓުކުރަމުންނެވެ. ރިޔާޒާ ވިދާޅުވީ މިފްކޯއިން އެކްސްޕޯޓުކުރާ އެއްވެސް ބާވަތެއް އެކްސްޕޯޓުކުރުމުގައި ދަތިތަކެއް ކުރިމަތިނުވާކަމަށާއި ލިބިފައިވާ އޯޑަރުތަކާއި އެއްގޮތަށް މަސް އެކްސްޕޯޓްކުރަމުންދާކަމަށެވެ.
"އަޅުގަނޑުމެން ދަޅުމަސް އެކްސްޕޯޓުކުރަނީ ތިން މަސް ކުރިން ލިބިފައި ހުންނަ އޯޑަރުތަކަށް. މިހާރު ލިބިފައި ހުރި އޯޑަރުތަކަށް މަސް ބަރާބަރަށް އެކްސްޕޯޓު ކުރަމުންދަނީ. އަދި އަޅުގަނޑުމެން އެކްސްޕޯޓުކުރާ މަހުގެ އެހެނިހެން ބާވަތްތަކަށް ވެސް އެއްވެސް ބުރޫޢެއް ނާރާ." ރިޔާޒާ ވިދާޅުވިއެވެ.
ރޯދަމަހާއި ދިމާކޮށް މިފްކޯއިން ވަނީ ފެން މަސް ދަޅާއި ތެޔޮ މަސް ދަޅު ކޭހުގެ އަގު 25 ރުފިޔާއާއި 50 ރުފިޔާއާއި ދެމެދުގެ ރޭޓުތަކެއްގައި ހެޔޮކޮށްފައެވެ. މިފްކޯއިން ވަނީ ރޯދަމަހުގެ ޑިމާންޑާއި އެއްވަރަށް އެކުންފުންޏަށް މަސް ދަޅު ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަންވެސް ދީފައެވެ.
އެސްޓީއޯއިންވެސް ދަނީ ރޯދައިގެ ކުރިން ފިޔާ، އަލުވި އަދި ބިހުގެ ތިން ޝިޕްމަންޓް ގެނައުމުގެ މަސައްކަތްކުރަމުންނެވެ. އަދި ދަތިކަމެއްނެތި ކާޑުގެ ބާވަތްތައް އާންމުންނަށް ލިބޭނެކަމުގެ ޔަޤީންކަންވެސް އެސްޓީއޯއިން ވަނީ ދީފައެވެ.