ވިޔަފާރި

އެލައިޑް އިންޝުއަރަންސްގެ ޚިދުމަތްތައް އޮންލައިންކޮށްފި


ކޯވިޑް 19 ފެތުރުން ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުން އެލައިޑް އިންޝުއަރެންސް ކުންފުނީގެ ޚިދުމަތް ދޭ ގޮތަށް ބަދަލުތަކެއް ގެނެސްފިއެވެ. އެގޮތުން އެލައިޑް އިންޝުއަރަންސުން ވަނީ ޚިދުމަތްތަކެއް އޮންލައިންކޮށް ދޭ ގޮތަށް ނިންމާފައެވެ.
ރިޕޯޓް

އެލައިޑް އިންޝުއަރަންސުން ނެރެފައިވާ ބަޔާނުގައި ވަނީ މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް 19 ޕޮޒިޓިވް ކޭސްތަކެއް ރާއްޖެއިންވެސް ފެނުމުގެ ސަބަބުން އެކުންފުނީގެ މުވައްޒަފުންނާއި ޚިދުމަތް ހޯދާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި މިއަދުން ފެށިގެން ޚިދުމަތް ދޭ ގޮތްތަކަށް ބަދަލު ގެނެސްފައިވާކަމަށެވެ. އަދި އެލައިޑްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލްގެ ޚިދުމަތްތަކަށްވެސް މި ބަދަލުތައްވަނީ ގެނެސްފައެވެ.

އެގޮތުން އެލައިޑް އިންޝުއަރަންސުން ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ބިދޭސީންގެ އިންޝުއަރެންސް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެލައިޑުން ބުނީ ބިދޭސީންގެ އިންޝުއަރަންސް ނެންގެވުމަށް އެލައިޑްގެ އޮންލައިން ޕޯރޓަލް myallied.mv އަށް ލޮގިން ވުމުން މިޚިދުމަތް ލިބޭނެކަމަށެވެ. އަދި މިހާރުވެސް ކުންފުނީގެ މޮބައިލް އެޕް އަދި އިންޝުއަރަންސް ޕޯރޓަލް މެދުވެރިކޮށް މޮޓޯ އިންޝުއަރަންސް، ޓްރެވެލް އިންޝުއަރަންސް، ކާރގޯ އިންޝުއަރަންސް އަދި ހޯމް ކޮންޓެންޓް ތަކަފުލްގެ ޚިދުމަތް ލިބޭނެކަމަށެވެ.

މީގެއިތުރުން އޮންލައިންކޮށް ނުލިބޭ އިންޝުއަރަންސް ޕޮލިސީތައް އީމެއިލް މެދުވެރިކޮށް ލިބޭނެ އިންތިޒާމް އެލައިޑުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން [email protected]; [email protected] އަށް އީމެއިލް ކުރެއްވުމުން ޕޮލިސީ ނެންގެވުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދެވޭނެކަމަށް އެލައިޑުން މައުލޫމާތުދެއެވެ. އަދި އެލައިޑުން ފޯރުވައިދޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ކުންފުނީގެ ހިލޭ ގުޅޭ ނަންބަރު 1600 ލިބޭނެ ކަމަށްވެސް އެކުންފުނިން މަޢުލޫމާތުދެއެވެ.

އެލައިޑުން ވަނީ މިދުވަސްވަރާ ދިމާކޮށް އޮންލައިންކޮށް އަދި އީމެއިލް މެދުވެރިކޮށް އިންޝުއަރެންސް ފައިސާ ހޯދުމަށް ހުށަހެޅުމުގެ އިންތިޒާމް ވެސް ހަމަޖެއްސާފައެވެ. އެގޮތުން ހެލްތު އިންޝުއަރަންސް ކަސްޓަމަރުންނަށް މިހާރުވެސް އޮންލައިންކޮށް އެލައިޑްގެ މޮބައިލް އެޕް އަދި އިންޝުއަރަންސް ޕޯރޓަލް myallied.mv މެދުވެރިކޮށް ކްލެއިމް ހުށައެޅުމުގެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

ބޭންކް އެކައުންޓް ޓްރާންސްފަރ މެދުވެރިކޮށް ބިލްތަކަށް ފައިސާ ދޫކުރުމާއި ފައިސާ ބަލައިގަތުމުގެ އިންތިޒާމްވެސް އެލައިޑުން މިހާރު މިވަނީ ތައާރަފްކޮށްފައެވެ. އެލައިޑުން ބުނީ މި ހާލާތުގައި ބިލްތަކަށް ފައިސާ ދޫކުރުމަށް އެންމެ ރައްކާތެރިގޮތަކީ އެކައުންޓް ޓްރާންސްފަރ މެދުވެރިކޮށް ކަސްޓަމަރުންގެ އެކައުންޓަށް ފައިސާ ޖަމާކުރުން ކަމުގައި ދެކޭކަމަށެވެ. މިގޮތުން ކްލެއިމް އަދި މިނޫންވެސް އިތުރު ބިލްތަކަށް އެލައިޑުން ފައިސާ ދެއްކުމާއި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްގެންނެވެ.