ޚަބަރު

ކޯވިޑް-19: އައިޖީއެމްއެޗްގައި ތާމަލް ކެމެރާ ހަރުކޮށްގެން ސްކްރީންކުރަނީ


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ތާމަލް ކެމެރާ ހަރުކޮށްގެން ސްކްރީން ކުރުމުގެ މަސައްކަތް ކުރަން ނިންމައިފިއެވެ.

އައިޖީއެމްއެޗުން މިހާރު ވަނީ، އެކިބޭނުންތަކަށް އައިޖީއެމްއެޗަށް ވަދެ ނުކުމެވޭ ސަރަހައްދުތައް ވަކިކޮށްފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، އައިޖީއެމްއެޗަށް އެކި ބޭނުންތަކުގައި މީހުން ވަދެ ނުކުމެ އުޅޭ ދޮރުތައް ބޭނުންކުރާ ގޮތަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މި ދޮރުތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް ތާމަލް ކެމެރާ ހަރުކުރުމަށް ވަނީ ނިންމާފައެވެ.

މި ބަދަލުތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ހިއްސާކުރައްވަމުން، އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓެންޓް ސަރޖަން ޑރ. އަބްދުﷲ އުބައިދު ވިދާޅުވީ، އަލަށް ޤާއިމުކުރާ ތާމަލް ގޭޓްތަކުން ބަލި މީހުންނާއި ހޮސްޕިޓަލަށް ޒިޔާރަތްކުރާ އެންމެން ސްކްރީން ކުރާނެކަމަށެވެ. ސްކްރީންކުރުމަށްފަހު ހުމުގެ އަސަރެއް ހުރިނަމަ ޙާލަތައް ބަލާ ފްލޫ ނުވަތަ ޓްރެވެލަރސް ކްލިނިކަށް ފޮނުވާލެވޭނެކަމަށް އުބައިދު ވިދާޅުވިއެވެ. އެގޮތުން ފޮނުވާލެވޭ ފަރާތުގެ އެޕޮއިންޓްމަންޓް އެހެން ދުވަހަށް ފަސްކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށްވެސް ޑރ. އުބައިދު ވިދާޅުވިއެވެ.

ސްކްރީންކުރުމަށްފަހު ހުމުގެ އަސަރެއް ހުރިނަމަ އައިޖީއެމްއެޗަށް ނުވަދެވޭއިރު، ޑައިލިސިސް ފަދަ ޕްރޮސީޖާސް ހަދަން އަންނަ ފަރާތްތައް ހުން ނުވަތަ ރޯގާ ހުރިކަމުގައި ވިޔަސް އެހޮސްޕިޓަލުން ޚިދުމަތް ދޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. ކޯވިޑް-19 ރާއްޖެއިން ފެނި ޤައުމުގައި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައިވުމުން އައިޖީއެމްއެޗްގެ ޑިއުޓީތަކަށް ބަދަލުތަކެއް ގެނެސްފައިވާކަން ޑރ. އުބައިދު ފާހަގަކުރެއްވިއެވެ. އެގޮތުން ކޮންމެހެން ކުރަންޖެހޭ ސަރޖަރީތަކާއި ޕްރޮސީޖާސްތައް ނޫން ސަރޖަރީތަކާއި ޕްރޮސީޖަރސްތައް މަޑުޖައްސާލަން ވަނީ ނިންމާފައެވެ. އަދި އޯޕީޑީގެ ނަންބަރުތައް މަދުކުރި ނަމަވެސް ހުރިހާ ބައްޔަކަށްވެސް ފަރުވާ ދިނުމުގައި އައިޖީއެމްއެޗް ދެމި އޮންނާނެކަން ޑރ. އުބައިދް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހޮސްޕިޓަލްގައި ކުޑަކުދިންނަށާއި މާބަނޑުކަނބަލުންނަށް ޚާއްސަ ފްލޫ ކްލިނިކެއް ގޮތައް ޚިދުމަތްދޭނެ ތަނެއްވެސް ވަނީ ކަނޑައަޅާފައި. އަދި މި ވަކިކުރާ ވަކިކުރުމަކީވެސް އާންމުންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްކަން ފާހަގަކޮށްލަން އިނގޭތޯ." ޑރ. އުބައިދް ވިދާޅުވިއެވެ.

އައިޖީއެމްއެޗުން މިހާރު ވަނީ، އެކިބޭނުންތަކަށް އައިޖީއެމްއެޗަށް ވަދެ ނުކުމެވޭ ސަރަހައްދުތައް ވަކިކޮށްފައެވެ، މި ބަދަލުތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން، އައިޖީއެމްއެޗްގެ ކޮންސަލްޓެންޓް އެމަޖެންސީ މެޑިސިން ޑރ. އައިމިނަތު ޒޭބާ ވަނީ، 17 މާޗުން ފެށިގެން މި ބަދަލުތައް ގެނެސްފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދެން އައިޖީއެމްއެޗްގެ އިމަރޖެންސީ ރޫމަށް ވަޑައިގަންނަވާ ބޭފުޅުން ފުރަތަމަ ވަޑައިގަންނަވަން ވާނީ އިމަރޖެންސީ ޕޯޓިކޯ ގައި ހެދިފައިވާ ޕްރައިމެރީ ޓްރިއާއަށް ކަމަށާއި އެ ތަނުން ޓްރައޭޖް ކުރުމަށްފަހު ސިއްހީ ހާލަތައް ބަލައި ފަރުވާ ލިބުމަށް ދެން ވަޑައިގަންނަވާނެ ތަނަކާއި މެދު އިތުރަށް ހޮސްޕިޓަލުގެ މުވައްޒަފުން އިރުޝާދު ދޭނެކަމުގައި އައިޖީއެމްއެޗުން ވިދާޅުވެއެވެ.

އަދި މީގެ ކުރިން ހޮސްޕިޓަލުގެ ތެރެއިން އިމަރޖެންސީ ރޫމު އަށް ވެދެވަޑައިގަތުމަށް އާންމުކޮށް ބޭނުންކުރައްވާ ކޮރިޑޯ މިހާރު ބޭނުމެއްނުކުރެއްވޭނެކަމުގައިވެސް ވިދާޅުވެފައިވެއެވެ. އަދި ވޯޑު ތަކަށާއި ނެޝަނަލް ކާޑިއެކް ސެންޓަރަށް ވަދެވަޑައިގަންނަވަން ބޭނުންފުޅުނަމަ ހޮސްޕިޓަލަށް ވެދެވަޑައިގެންނެވޭނީ ބޮޑުތަކުރުފާނު މަގުގައިވާ ދޮރޯށިން ކަމަށާއި ލެބޯރަޓަރީ އަށް ވަޑައިގަންނަވަންބޭނުންފުޅުނަމަ ވެދެވަޑައިގަންނަވާނީ ކަނބާ އައިސާ ރަނި ހިނގުމުގަ ހުންނަ މައި ދޮރޯށިން ކަމުގައިވެސް ޑރ. ޒޭބާ ވިދާޅުވިއެވެ.