ޚަބަރު

ކޯވިޑް-19 : ބޭސް ސިޓީ ވައިބަރކޮށްގެން ބޭސް ނެގޭނެ އިންތިޒާމު ހަމަޖައްސައިފި


ބޭސް ސިޓީ ވައިބަރކޮށްގެން ބޭސް ނެގޭނެ އިންތިޒާމު އާސަންދަ ކުންފުނިން ހަމަޖައްސައިފިއެވެ. އާސަންދަ ކުންފުނިންވަނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ދިގުމުއްދަތަށް ބޭސްބޭނުން ކުރާ ފަރާތްތަކަށް ބޭސްދޫކުރުމަށް ޙާއްސަ އިންތިޒާމުތަކެއް ހަމަޖައްސަވާފައެވެ.

މި އިންތިޒާމުތަކުގެ މަޢުލޫމާތު ހާމަކުރައްވާ އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި އެ ކުންފުނިންވަނީ، ކޮވިޑް -19 އިން ރައްކާތެރިވުމުގެ ގޮތުން މިވަގުތު ދިވެހިރާއްޖޭގައި އިޢުލާން ކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އާންމުން ސިއްޙީ ޚިދުމަތްފޯރުކޮށްދޭ މަރުކަޒުތަކަށް ދިއުން މަދުކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ހެލްތުގެ ލަފާގެ މަތިން، "އާސަންދަ" ސްކީމްގެ ތެރެއިން މިފަދަ މީހުންނަށް މިދުވަސްވަރު އަލުން ޑޮކްޓަރަށް ނުދައްކައި ކުރިން ޑޮކްޓަރު ލިޔެދެއްވާފައިވާ ބޭސްސިޓީތަކަށް ބޭސްފިހާރަތަކުން އަލުން ބޭސްނެގޭނޭ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން މިހާތަނަށް އައިއިރު މިވަގުތު އެސް.ޓީ.އޯ ބޭސްފިހާރަތަކުންނާއި އޭޑީކޭގެ ބޭސްފިހާރަތަކުން މިފަދަ ބޭސްސިޓީތަކަށް ބޭސްލިބޭނޭ އިންތިޒާމް ހަމަޖައްސާފައިވާކަން އާސަންދަ ކުންފުނިން ވަނީ ހާމަކޮށްފައެވެ. މި އުޞޫލުގެ ދަށުން ބެސް ދޫކުރާނީ، އެސްޓީ.އޯ ފާމަސީ ތަކަށާއި އޭޑީކޭ ފާމަސީތަކަށް ވައިބަރ ކޮށްގެންނެވެ.

މިޚިދުމަތް ފޯރުކޮށްދޭން ހަމަޖެހިފައިވާ ފާމަސީތަކާއި ވައިބަރ މެދުވެރިކޮށް ބޭސްސިޓީ ފޮނުވާނެ ނަމްބަރުތައް

  • އެސް.ޓީ.އޯ ހެންވެއިރު ފާމަސީ - 7922035
  • އެސް.ޓީ.އޯ ހުޅުމާލެ ފާމަސީ - 7922035
  • އޭޑީކޭ ފާމަސީ 6 - 7258555
  • އޭޑީކޭ ފާމަސީ 10 (ހުޅުމާލެ) - 7258559
  • ޓެބްލެޓް 2 (ވިލިމާލެ) - 7258557

އާސަންދަ ކުންފުނިން ވަނީ އާސަންދަ ސްކީމްގެ ދަށުން އަލުން ބޭސް ދޫކުރާ ބޭސް ސިޓީގައި ހުންނަންޖެހޭ ޝަރުތުތަކެއްވެސް ކަނޑައަޅާފައެވެ. އެގޮތުން މި ބޭސް ސިޓީއަކީ، ބޭސްސިޓީ ލިޔެދެއްވާފައިވާ ތާރީޚުން ފެށިގެން 6 މަސްދުވަސްވެފައި ނުވާ ބޭސް ސިޓީއަކަށް ވުމާއި، މިވަގުތު ހުރި ބޭސް ހުސްވުމުގެ ހަފްތާއެއް ކުރިން ފާމަސީތަކަށް ބޭސްހޯދުމަށް ހުށައެޅުމާއި، ބޭސްސިޓީއަކީ ދިގުމުއްދަތަށް ފަރުވާކުރާ ބައްޔަކަށް ދޫކޮށްފައިވާ ބޭސްސިޓީއަކަށްވުމެވެ. މީގެ އިތުުރުން ބޭސްސިޓީގައި ހުންނަންވާ ހުރިހާ މަޢުލޫމާތުތަކެއް ފުރިހަމައަށް ހުންނަންޖެހޭކަމަށްވެސް އާސަންދަ ކުންފުނިން ވިދާޅުވެއެވެ.

އެގޮތުން ބަލިމީހާގެ މަޢުލޫމާތު، ބަލީގެ ނަން، ބޭހުގެ ނަމާއި، މިލިގްރާމް، އަދި ބޭސްބޭނުންކުރަންވީ ވަގުތުތަކާއި މުއްދަތު އަދި ޑޮކްޓަރުގެ މަޢުލޫމާތު ބޭސް ސިޓީގައި ހުންނަންޖެހެއެވެ. މިފަދަ ބޭސްސިޓީއެއްގައި ކުރިން އެހެންކަމަކަށް އެވަގުތަށް ފަރުވާ ހޯދާފައިވާ އެހެނިހެން ބޭސްތައް އަލުން ދޫނުކުރާނެކަމަށްވެސް އާސަންދަ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

މިވަގުތަކީ ދިވެހި ރައްޔިތުންނަށް އެންމެބޮޑަށް އެހީތެރިކަން ބޭނުންވާ ވަގުތަކަށްވުމުން، އާސަންދަ ސްކީމްގެ ޚިދުމަތް ދޭ މަރުކަޒު ތަކުގެ ތެރޭގައި ނުހިމެނޭ، ދިވެހިރާއްޖޭގައި ޑޮކްޓަރީ ބޭހުގެ ޚިދުމަތްފޯރުކޮށްދޭ ހުރިހާ މަރުކަޒަކުންވެސް ދިގުމުއްދަތަށް ބޭސްފަރުވާ ހޯދާ ފަރާތްތަކަށް ލިޔެދީފައިވާ ބޭސްސިޓީތަކަށް ޙާއްޞަ އެހީއެއްގެ ގޮތުން އާސަންދަ" ސްކީމްގެ ތެރެއިން ބޭހުގެ ޚަރަދު ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ.

މި ސްކީމްގެ ޚިދުމަތް ފޯރުކޮށްނުދޭ މަރުކަޒުތަކުގެ ބޭސްސިޓީއަށް ބޭސާދޫކުރެވޭނެ ގޮތް: (އާސަން ސްކީމްގެ ޚިދުމަތް ފޯރުކޮށްނުދޭ މަރުކަޒަކުން އަލަށް ދޫކުރެވިފައިވާ ބޭސްސިޓީއަކަށް ބޭސްދިނުން)

  • ބޭސްސިޓީ ލިޔެދެއްވާފައިވާ ތާރީޚުން ފެށިގެން 3 ދުވަސްވެފައި ނުވުން
  • ބޭސްސިޓީއަކީ ދިގުމުއްދަތަށް ފަރުވާކުރާ ބައްޔަކަށް ދޫކުރެވިފައިވާ ބޭސްސިޓީއަކަށްވުން
  • ބޭސްސިޓީގައި ހުންނަންޖެހޭ ހުރިހާ މަޢުލޫމާތުތަކެއް ފުރިހަމައަށް ހުރުން (ބަލިމީހާގެ މަޢުލޫމާތު، ބަލީގެ ނަން، ބޭހުގެ ނަމާއި، މިލިގްރާމް، އަދި ބޭސްބޭނުންކުރަންވީ ވަގުތުތަކާއި މުއްދަތު، ޑޮކްޓަރުގެ މަޢުލޫމާތު)

މިގޮތަށް ޢަމަލުކުރެވޭނީ ހަމައެކަނި މިވަގުތު ދިވެހިރާއްޖޭގައި އިޢުލާން ކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އެކަނިކަމަށްވެސް އާސަންދަ ކުންފުނިން ވިދާޅުވެއެވެ.