ޚަބަރު

އީސީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ނަގައި ހައްލުހޯދުމަށް މަޖިލީހަށް


ލޯކަލް ކައުންސިލް އިންތިޚާބުގެ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނަގައި، އެމައްސަލައިގެ ހައްލުހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޓުވީޓްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވާ ތާރީޚް ފަސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯދައިދެވިދާނެކަމަށް ރޭ ބޭއްވި މިނިވަން މުވައްސަސާތަކާއިބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުން ވިދާޅުވެފައިވާކަމަށެވެ.

މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުންގެ ލަފަޔާއެކު ކޮމިޝަނުން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މިއަދު އަނބުރާ ގެންގޮސްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ރޭ ބޭއްވި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް ވިދާޅުވީ މިމައްސަލައިގަ ކޮމިޝަނުން ސުޕްރީމް ކޯޓަށް ގޮސްފައިވަނީ ޤާނޫނުގައި ބުނެފައިވާ މުއްދަތުގެތެރޭގައި އާ ކައުންސިލެއް އިންތިޚާބް ނުކުރެވޭ ހާލަތެއްގައި ޤައުމު ދުސްތޫރީ ހުސްކަމަކަށް އަތުވެދާނެތީ ގައުމީ ލަފާދޭ ކޮމިޓީއާއި ކޮމިޝަންގެ މެމްބަރުންގެ ލަފާގެމަތީން އެކަން ސާފުކޮށް މިކަމުގައި ހައްލެއް ހޯދުމަށްކަމަށެވެ.

ޤާނޫނުގައި ބުނާ ގޮތުން އިންތިޚާބު ފަސްކުރެވޭނީ ޤައުމަށް 2 ހާލަތެއް މެދުވެރިވެގެންނެވެ. އޭގެތެރެއިން އެއްހާލަތަކީ ޞިއްޙީގޮތުން ޤައުމަށް ދިމާވާ ކަމަކާ ގުޅިގެން އިންތިޚާބް ފަސްކުރަންޖެހުމެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ މިޙާލަތުގައި މީހުން ގިނައިން އެއްވާ އެއްވުންތައް ނުބާއްވައި، އެފަދަ ޙަރަކާތްތައް ނުހިންގުމަށްވެސް ކަމާބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކުރައްވާފައެވެ.