ޚަބަރު

ރައްޔިތުންގެ މަޖިލިސް ކޮންމެ ހާލަތެއްގައިވެސް ހުޅުވޭގޮތަށް ޖަލްސާތައް މެދުކަނޑާލަން ނިންމައިފި


ކޯވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަދުން ފެށިގެން މެދުކަނޑާލުމަށް ނިންމަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޞިއްޚީ ގޮތުން ރާއްޖެއަށް އިއުލާންކުރައްވާފައިވާ ކުއްލި ނުރައްކަލުގެ މިހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރައްވަންޖެހޭ ކަމެއްކަމަށެވެ. މިހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައްވެސް ނުބޭއްވުމަކީ އެންމެ ރައްކާތެރިގޮތްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ނަމަވެސް ޖަލްސާތައް މެދުކަނޑާލާނީ ރާއްޖެއަށް ދިމާވާ މިފަދަ ކޮންމެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކުރެވޭނެ ގޮތަކަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މަޖިލީހުގެ މަސައްކަތްތައް ކުރުމަށްޓަކައި ކޮންމެ ހާލަތެއްގައިވެސް ޖަލްސާތައް ބާއްވަންޖެހިދާނެކަމަށާއި، އެކަމަށް ހުރިހާ މެމްބަރުންވެސް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މަޖިލީހުގެ އިދާރީ މުވައްޒަފުން ގޭގައި ތިއްބެވި ކަމުގައި ވީނަމަވެސް އެބޭފުޅުން ތިއްބަވާނީ ޗުއްޓީގައި ނޫންކަމަށާއި މަޖިލިސް ބާއްވަންޖެހިއްޖެ ހާލަތެއްގައި މެމްބަރުން މަޖިލީހަށް ވަޑައިގެން ޖަލްސާތައް ބޭއްވިނަމަވެސް މަޖިލީހުގެ އިދާރީ މުވައްޒަފުން މަސައްކަތް ކުރައްވާނީ ގޭގައި ތިއްބަވައިގެންކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ޤަވާއިދުގެ 247 ވަނަ މާއްދާގައި މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމުގެ ބާރާއި އިޚްތިޔާރު މަޖިލިހުގެ ރިޔާސަތަށް ދީފައިވެއެވެ. އަދި މިފަދަ ހާލަތްތަކުގައި މަޖިލިސް ބަންދުކުރުމަށް ނިންމާފައިވަނީ މަޖިލީހަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މިމައްސަލައިގަ މެމްބަރުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުމުން މަޖިލީހުގެ ގިނަ މެމްމަބަރުން ތާއީދު ކުރެއްވީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކާއެއްގޮތަށް މިވަގުތު މަޖިލިސް މެދުކަނޑާލުމަށެވެ. ނަމަވެސް ޖަލްސާއެއް ބާއްވަންޖެހޭ ހާލަތުގައި މަސައްކަތަށް ނިކުތުމަށް ތައްޔާރަށް ތިއްބެވިކަމަށް މެމްމަބަރުންވަނީ ވިދާޅުވެފައެވެ.