ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވް ވެފައިވާ މީހަކާއި ކޮންޓެކްޓްވި 3 ދިވެހިން ޓެސްޓް ކުރަނީ


ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ 3 ދިވެއްސެއްގެ ކިބައިން ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން އެމީހުންގެ ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާކަމުގައި އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވީ، 3 މީހުންވެސް އެކަހެރިކޮށް، މިހާރު ތިބީ ހޯމް އައިސޮލޭޝަންގައި ބައިތިއްބާފައި ކަމަށެވެ.

އެމީހުން ހޯމް އައިސޮލޭޝަންގައި ބައިތިއްބާފައި ވަނީ ކޮންތަނެއްގައި ކަމެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 އާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ކަނޑައަޅުއްވާފައިވާ ތަރުޖަމާނު، މަބުރޫކް އަޒީޒު ވިދާޅުވީ، ރާއްޖެއިން ބޭރުން އައި 8 ދިވެއްސަކުވެސް ކޯވިޑް-19އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އިންޑިއާއިން ރާއްޖެ އައިސްފައިވާ މީހުންނެވެ.

އަދި އިތުރު ދެރިސޯޓަކުންވެސް ކޯވިޑު-19އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި މީހުން ފެނުމާއި ގުޅިގެން ޓެސްޓް ކުރަމުންދާ ކަމުގައި އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

މިގޮތުން، ފުރަވެރިއައިލެންޑް ރިޒޯޓުން ދެ ބިދޭސީ އަކާއި، ފިއު ހޮޓެލް ރިސޯޓުން ބިދޭސީއަކު ދަނީ ޓެސްޓް ކުރަމުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް އެންމެންނަކީވެސް ބިދޭސީންނެވެ.