ޚަބަރު

ކޯވިޑް-19ގެ އަލާމާތެއް ފެންނަ އެންމެންގެ ޓެސްޓްހަދަން ފަށައިފި


ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ކޯވިޑްް-19 ގެ އެއްވެސް އަލާމާތެއް ހުރި މީހަކު ފެނިއްޖެނަމަ އެމީހެއްގެ ސާމްޕަލްނަގައި ޓެސްޓު ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ސާމްޕަލްތައް ނެގުން އިތުރުކޮށްފައިވާކަމަށެވެ.

އެގޮތުން ސަރވަޔަލަންސް ސާމްޕަލްތަކާއި އަލާމާތްތައް ފެނިގެން ސާމްޕަލްނެގުން ކުރިއަށްވުރެ ގިނައިން ނަގަން ނިންމައި އެކަން މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން ރިސޯޓްތަކުގެ އިތުރަށް ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް އެކި ރަށްރަށުން ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ފެންނަ މީހެއްނަމަ އެމީހެއްގެ ސާމްޕަލް ނަގަން ފަށާފައިވާކަމަށެވެ. މީގެ ތެރޭގައި އިންޑިއާގެ އެކި ސިޓީތަކާއި، ސްރީލަންކާ އާއި މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންނާއި އެއްވެސް ވަރަކަށް ދިމާވެފައިވާ މީހަކު ހުރިނަމަ އެމީހެއްގެ ޓެސްޓް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ރާއްޖެއިން ކޯވިޑް-19އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. އެގޮތުން މީހެއްގެ ސާމްޕަލްނަގައި އެމީހަކު ހޯމް އައިސޮލޭޝަންގައި ބޭތިއްބިނަމަވެސް އެކަމަށް ކަންބޮޑުވެ އެރަށެއްގައި ދިރިއުޅޭ ދިވެހިން ބިރުވެރިކަމެއްގެ ތެރެއަށްދާން ނުޖެހޭކަމަށް ނޭޝަނަލް އިމަރޖަންސީ ސެންޓަރުންވަނީ ވިދާޅުވިއެވެ.

މިކަމާ ގުޅޭ މަޢުލޫމާތުދެއްވަމުން ޑރ.ނަޒްލާ ރަފީގް ވަނީ ހޯމް އައިސޮލޭޝަންއަށް މީހާކުދާން އަންގައިފިނަމަ ބައެއް ރަށްރަށާއި އެސަރަހައްދަކަށް ނިސްބަތްވާމީހުން އެކަމާ ކަންބޮޑުވެގެން އުޅޭތަން ފެންނަމުންދާ ކަމަށާ ނަމަވެސް އެއީ ކަންބޮޑުވެ ހާސްވާންޖެހޭ ވަރުގެ ކަމެއް ނޫންކަމަށެވެ. ޑރ.ނަޒްލާ ވިދާޅުވީ އެގޮތަށް މީހަކު އެކަހެރިކުރެވެނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށާއި، އެފަދަ މީހަކު އަމިއްލައަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފިނަމަ އެހެން ފަރާތްތަކަށް އެކަމުގެ އެއްވެސް ނުރައްކަލެއް ނޯންނާނެކަމަށެވެ.

ޑރ.ނަޒްލާ ވަނީ މިހާރަކަށް އައިސް ބަލި މީހުންގެ ޒާތީ މައުލޫމާތު ބައެއް ފަރާތްތަކުން ހާމަކޮށް އެމީހުންގެ ޒާތީ ވާހަކަތައް އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރާކަމުގެ ޝަކުވާތައް ލިބެމުންދާކަންވެސް ފާހަގަކުރައްވާފައެވެ. އެއީ ޤާނޫނީގޮތުންވެސް ކޮށްގެންވާނެކަމެއް ނޫންކަން ފާހަގަކުރައްވައި ޑރ.ނަޒްލާވަނީ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.