ޚަބަރު

ކޯވިޑް-19 : ގޭގައި މަޑުކުރުމަށް ބުނެފައިވަނިކޮށް އެކަމަށް އެއްބާރުލުން ނުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި


ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތްތަކެއް ފެނުނު މީހަކު ގޭގައި މަޑުކުރުމަށް ބުނެފައިވަނިކޮށް އެކަމަށް އެއްބާރުލުން ނުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ބަލަމުން ދަނީ ވޭތުވެ ދިޔަ 14 ދުވަހުގެ ތެރޭ ދެކުނު ކޮރެއާއަށް ދަތުރުކޮށް ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތްތަކެއް ފެނުނު ވިލިމާލޭގައި ދިރިއުޅޭ ފިރިހެނެއްގެެ މައްސަލައެއް ކަމަށެވެ. އެގޮތުން މި ފިރިހެން މީހާ ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތްތަކެއް ފެނުމުން ފަރުކޮޅު ފުއްޓަށް ބަދަލުކުރެވެންދެން ގޭގައި މަޑުކުރުމަށް އެންގުމުން އެކަމަށް އެއްބާރުލުން ނުދިން މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

މި މައްސަލައަކީ އާންމުންގެ ރައްކާތެރިކަމަށް ހުރި ނުރައްކަލެއްކަމުން ފުލުހުން މިއަދު ވިލިމާލެއަށް ގޮސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެޗްޕީއޭއާއި ހަވާލުކޮށްފައިވާކަން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ޚިލާފަށް އަމަލު ކުރާ މިހުންގެ މައްސަލަ ފުލހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަމަށް ވަނީ ބުނެފައެވެ. އެގޮތުން ޕީނަލް ކޯޑްގެ 121 މާއްދާގެ ދަށުން މި މައްސަލަ ދަނީ ތަޙްޤީޤުކުރަމުންންވެ.

ދެކުނު ކޮރެއާއިން އެނބުރި އައި ދިވެހި މި ފިރިހެންމީހާ އޭނާ މިހާރު ވަނީ ފަރުކޮޅުފުށީގައި ހުންނަ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައެވެ. މިއާއިއެކު ފަރުކޮޅުފުށީގައި ކަރަންޓީންކުރި މީހުންގެ އަދަދު މިވަނީ 23 އަށް އަރާފައެވެ.

ކޯވިޑް-19ގެ ކަންކަމުގައި މައުލޫމާތު ހާމަކުރެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ، ދެކުނު ކޮރިއާއިން އައި ދިވެއްސެއްގެ ކިބައިން ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވާކަމަށެވެ. އެ ދިވެހި މީހާއަކީ ވިލިމާލޭގައި ދިރިއުޅެމުންދާ މީހެއްކަމަށާއި، އޭނާ ދަތުރުކޮށްފައިވަނީ ދެކުނު ކޮރިއާގައި، މިބަލި އެންމެ ބާރަށް ފެތުރެމުންދާ ދެޕްރޮވިންސް ނޫން އެހެން ޕްރޮވިންސްއަކުންކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މި މައްސަލާގައި އޭނާއާއި ކޮންޓެކްޓް ވެފައިވާ ފަރާތްތައް ކަރަންޓީންކޮށް ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.