ޚަބަރު

ދެކުނު ކޮރެއާއިން ރާއްޖެއައި ދިވެހި މީހާ ފަރުކޮޅުގައި ކަރަންޓީނުކޮށްފި


ދެކުނު ކޮރެއާއިން އެނބުރި އައި ދިވެއްސެއްގެ ކިބައިން ކޯވިޑް19-އަށް ޝައްކުކުރެވޭ އަލާމަތްތަކެއް ފެނިގެން އޭނާ ފަރުކޮޅުފުށީގައި ހުންނަ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފިއެވެ. މިއާއެކު ފަރުކޮޅުފުށީގައި ކަރަންޓީންކުރި މީހުންގެ އަދަދު މިވަނީ 23 އަށް އަރާފައެވެ.

ކޯވިޑް-19ގެ ކަންކަމުގައި މައުލޫމާތު ހާމަކުރެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ، ދެކުނު ކޮރިއާއިން އައި ދިވެއްސެއްގެ ކިބައިން ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވާކަމަށެވެ. އެ ދިވެހި މީހާއަކީ ވިލިމާލޭގައި ދިރިއުޅެމުންދާ މީހެއްކަމަށާއި، އޭނާ ދަތުރުކޮށްފައިވަނީ ދެކުނު ކޮރިއާގައި، މިބަލި އެންމެ ބާރަށް ފެތުރެމުންދާ ދެޕްރޮވިންސް ނޫން އެހެން ޕްރޮވިންސްއަކުންކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވަނީ އޭނާ މިހާރު ފަރުކޮޅަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އޭނާއާއި ކޮންޓެކްޓް ވެފައިވާ ފަރާތްތައް ކަރަންޓީންކޮށް ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިވަގުތު އއ. މަތިވެރިން 8 މީހަކު ފަރުކޮޅަށް ގެންގޮސްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ ކޯވިޑް-19އަށް ޝައްކުކުރެވޭ ބިދޭސީ 2 މީހަކާއި، އެ ދެމީހުންގެ އާއިލާގެ 6 މެމްބަރުންކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މަތިވެރި އޮތީ މޮނީޓަރިން ހާލަތުގައިކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ފޯ ސީޒަންސް ލަނޑާގިރާވަރުގައި ޝައްކުކުރެވުނު ފަރާތްތައް ނެގެޓިވް ވުމުން އެ ރިސޯޓް އާންމު ހާލަތައް ގެނެސްފައިވާއިރު، އަނަންތަރަ ކިހަވަށް އިން ބިދޭސީއެއްގެ ކިބައިން ބައްޔައް ޝައްކުކުރެވޭ އަލާމަތްތައް ފެނުމުން އެރަށް ވަނީ މޮނީޓަރިން ހާލަތުގައެވެ. އަދި ހަމަމިއާއެކު، ފުރަވަރި ރިސޯޓުން ދެ ބިދޭސީއެއްގެ ކިބައިން ބައްޔައް ޝައްކުކުރެވޭ އަލާމަތްތައް ފެނުމުން އެ ރިސޯޓު ވަނީ މޮނީޓަރިން ހާލަތުގައެވެ. މި ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް މައި ސްކައި ޔޮޓްގައި ތިބި ދެ ބިދޭސީއެއްގެ ކިބައިން ފެނިގެން މި ޔޮޓްވެސް ވަނީ މޮނީޓަރިން ހާލަތުގައެވެ.

މަބްރޫކް ވަނީ ވިލިވަރުގައި ކަރަންޓީން ކޮށްފައިވާ 15 ފަތުރުވެރިން ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ޤާއިމުކޮށްފައިވާ ޓޫރިސްޓް ސަޕޯޓް ސެންޓަރަށް ބަދަލުކޮށްފައިވާކަން ހާމަކޮށްފައެވެ. މިވަގުތު ފަރުކޮޅު ފުށީގައި ޤާއއިމުކޮށްފައިވާ އައިސޮލޭޝަން ސެންޓަރުގައި ތިބީ 23 ފަތުރުވެރިންނެވެ. މީގެ އިތުރުން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އާވީ ނޭޗަރސް ޕެރަޑައިސް ރިސޯޓުން ނެގި ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރިސޯޓުގެ ވަނީ މޮނިޓަރިންގްގެ ހާލަތުން ނަގާފައެވެ.