ޚަބަރު

ކޯވިޑް-19: މެލޭޝިޔާއާއި ފިލިޕީންސްގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އަންގައިފި


މެލޭޝިޔާއާއި ފިލިޕީންސްގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އަންގައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީއިން ވަނީ މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، މެލޭޝިޔާ އާއި ފިލިޕީންސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ތަފްސީލްކޮށްދެއްވާފައެވެ.

އެގޮތުން "މޫވްމަންޓް ކޮންޓްރޯލް އޯޑަރ" ގެ ދަށުން މިހިނގާ މަރޗް މަހުގެ 18 އިން މިމަހުގެ 31 އަށް މެލޭޝިއާގައި ފިޔަވަޅުތައް އަޅާފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެ ޤައުމަށް ފަތުރުވެރިންނާއި ބިދޭސީން ވަނުން މަނާކޮށްފައިވާއިރު، މެލޭޝިޔާ ރައްޔިތުން އެ ޤައުމުން ބޭރަށް ދިއުންވެސްވަނީ މަނާކޮށްފައެވެ. އަދި ބޭރު ޤައުމުތަކުގައި އުޅެފައި އެނބުރި މެލޭޝިޔާ އަށްދާ އެ ޤައުމުގެ ރައްޔިތުންވެސް ހެލްތު ޗެކަޕްއަކަށް ފަހު 14 ދުވަހަށް ކަރަންޓީން ކުރާނެކަންވެސް މެލޭޝިޔާއިންވަނީ ހާމަކޮށްފައެވެ. އަދި ހަމަ މިއާއެކު ދީނީ، ކުޅިވަރު، އިޖްތިމާއީ އަދި ޘަގާފީ ބައްދަލުވުންތައް ހިމެނޭގޮތަށް ހުރިހާ އެއްވުންތައް މެލޭޝިއާގައި ވަނީ މަނާކޮށްފައެވެ. މި ދަނޑިވަޅުގައި މެލޭޝިއާގައި ސަރުކާރުގެ އޮފީސްތަކާއި ހުރިހާ ސްކޫލްތައްވެސްވަނީ ބަންދުކޮށްފައެވެ.

މެލޭޝިޔާގެ އިތުރުން ފިލިޕީންސްގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، ފިލިޕީންސްގެ ސަރުކާރުން ވަނީ 15 މާރިޗު 2020 އިން 14 އޭޕްރިލް 2020 އަށް އެ ޤައުމުގެ ވެރިރަށް މެނީލާއަށް ވަދެ ނުކުތުން ވަގުތީގޮތުން މަނާކޮށްފައެވެ. އެގޮތުން އެ ޤައުމުގެ އެލަރޓް ލެވެލް "ކޯޑް ރެޑް ސަބް ލެވެލް 2" އަށް ވަނީ މަތިކޮށްފައެވެ. އަދި 14 މާރިޗު 2020 އިން ފެށިގެން ރޭގަނޑު 8:00 އާއި ފަތިހު 5:00 އާ ދޭތެރޭ، މެޑިކަލް ބޭނުމަކަށް އަދި އެމަރޖަންސީ ހާލަތްތަކުގައި ނޫނީ މެނީލާގެ ރައްޔިތުން ގެއިން ބޭރަށް ނުކުތުން ފިލިޕީންސްގެ ސަރުކާރުން ވަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް މެނީލާއިން ބައިނަލްއަޤްވާމީ ވައިގެ މަގުން ދަތުރުފަތުރުކުރުން ހުއްޓާލާފައި ނުވާކަން ފާހަގަކުރަމެވެ.

ފިލިޕީންސްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ފިލިޕީންސްގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީއިން ވަނީ އަންގާފައެވެ.

މި ދަނޑިވަޅުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަށް ފޮރިން މިނިސްޓްރީންވަނީ އިލްތިމާސްކޮށްފައެވެ. މެލޭޝިޔާއާއި ފިލިޕީންސްގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އަންގާފައިވާއިރު، ކޯވިޑް 19އާ ގުޅިގެން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއަރޕޯޓް ދެ ހަފުތާގެ މުއްދަތަކަށްވަނީ ބަންދުކޮށްފައެވެ. މިކަން އިޢުލާނުކުރައްވާ ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަވަނީ ބަޔާނެއް ނެރުއްވާފައެވެ.

މިއާއެކު، ސްރީ ލަންކާއަށް ދަތުރުކުރާ ހުރިހާ ފްލައިޓްތަކެއްވަނީ ކެންސަލްކޮށްފައެވެ.