ޚަބަރު

ކޯވިޑް-19: ދެކުނު ކޮރިއާއިން އައި ދިވެއްސަކު ކަރަންޓީނަށް


ދެކުނު ކޮރިއާއިން އެނބުރިއައި ދިވެއްސެއްގެ ކިބައިން ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމަތްތަކެއް ފެނިގެން އޭނާ ފަރުކޮޅުފުށީގައި ހުންނަ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި މ ކޯވިޑް-19ގެ ކަންކަމުގައި ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ، ދެކުނު ކޮރިއާއިން އައި ދިވެއްސެއްގެ ކިބައިން ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވާކަމަށެވެ. އެ ދިވެހި މީހާއަކީ ވިލިމާލޭގައި ދިރިއުޅެމުންދާ މީހެއްކަމަށާއި، އޭނާ ދަތުރުކޮށްފައިވަނީ ދެކުނު ކޮރިއާގައި، މިބަލި އެންމެ ބާރަށް ފެތުރެމުންދާ ދެޕްރޮވިންސް ނޫން އެހެން ޕްރޮވިންސްއަކުންކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވަނީ އޭނާ މިހާރު ފަރުކޮޅަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އޭނާއާއި ކޮންޓެކްޓް ވެފައިވާ ފަރާތްތައް ކަރަންޓީންކޮށް ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިވަގުތު އއ. މަތިވެރިން 8 މީހަކު ފަރުކޮޅަށް ގެންގޮސްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ ކޯވިޑް-19އަށް ޝައްކުކުރެވޭ 2 މީހަކާއި، އެ ދެމީހުންގެ އާއިލާގެ 6 މެމްބަރުންކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މަތިވެރި އޮތީ މޮނީޓަރިން ހާލަތުގައިކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ފޯ ސީޒަންސް ލަނޑާގިރާވަރުގައި ޝައްކުކުރެވުނު ފަރާތްތައް ނެގެޓިވް ވުމުން އެ ރިސޯޓް އާންމު ހާލަތައް ގެނެސްފައިވާއިރު، އަނަންތަރަ ކިހާވަށް އިން ބިދޭސީއެއްގެ ކިބައިން ބައްޔައް ޝައްކުކުރެވޭ އަލާމަތްތައް ފެނުމުން އެރަށް ވަނީ މޮނީޓަރިން ހާލަތުގައެވެ. އަދި ހަމަމިއާއެކު، ފުރަވަރި ރިސޯޓުން ދެ ބިދޭސީއެއްގެ ކިބައިން ބައްޔައް ޝައްކުކުރެވޭ އަލާމަތްތައް ފެނުމުން އެ ރިސޯޓު ވަނީ މޮނީޓަރިން ހާލަތުގައެވެ. މި ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް މައި ސްކައި ޔޮޓްގައި ތިބި ދެ ބިދޭސީއެއްގެ ކިބައިން ފެނިގެން މި ޔޮޓްވެސް ވަނީ މޮނީޓަރިން ހާލަތުގައެވެ.

މަބްރޫކް ވަނީ ވިލިވަރުގައި ކަރަންޓީން ކޮށްފައިވާ 15 ފަތުރުވެރިން ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ޤާއިމުކޮށްފައިވާ ޓޫރިސްޓް ސަޕޯޓް ސެންޓަރަށް ބަދަލުކޮށްފައިވާކަން ހާމަކޮށްފައެވެ. މިވަގުތު ފަރުކޮޅު ފުށީގައި ޤާއއިމުކޮށްފައިވާ އައިސޮލޭޝަން ސެންޓަރުގައި ތިބީ 23 ފަތުރުވެރިންނެވެ. މިހާތަނަށް އައިރު ކޯވިޑްގެ ހޮޓްލައިން 1676އަށް ހަތް ހާސް ދުއިސައްތަ ނުވަދިހަ ނުވަ ކޯލް ވަނީ ލިބިފައެވެ.