ދުނިޔެ

ކޯވިޑް-19: އޮފީސްތަކަށް ނުދިއުމަށާއި ދަތުރު ނުކުރުމަށް އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ގޮވާލައިފި


މި ދުވަސްވަރު ދަތުރުތައް ނުކުރުމަށާއި އޮފީސްތަކަށް ނުދިއުމަށް އިނގިރޭސިވިލާތުގެ ރައްޔިތުންނަށް އެ ޤައުމުގެ ބޮޑު ވަޒީރު ގޮވާލައްވައިފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން ޤައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ އެ ޤައުމުގައި ކޯވިޑް-19 ބާރު ސްޕީޑެއްގައި ފެތުރެމުންދާކަން ފާހަގަކުރައްވާފައެވެ. އިނގިރޭސި ސަރުކާރުގެ މިވަގުތުގެ އަމާޒަކީ، ބަލި ޖެހޭ މީހުންގެ އަދަދު ދަށްކޮށް ބަލި މީހުންނަށް ބޭނުންވާ ފަރުވާ އަވަހަށް ހޯދައި ދިނުމެވެ. އަދި އެކަށީގެންވާ ފިޔަވަޅުތަކެއް މިވަގުތު ނޭޅިއްޖެނަމަ އިނގިރޭސި ވިލާތުގައި ކޯވިޑް-19 ކޮންޓްރޯލްނުކުރެވޭ ވަރަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު އެބަ އޮތްކަންވެސް އޭނާ ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

" މިދަނޑިވަޅުގައި 70 އަހަރުން މަތީ މީހުންނާއި، މާބަނޑު މީހުން މި ވައިރަހަށް ބޮޑަށް ސަމާލުވާން ޖެހޭ. މި ދަނޑިވަޅުގައި ދަތުރުކުރުމާއި އޮފީސްތަކަށް ނުދިއުން އެންމެ މުހިންމީ. މަސައްކަތް މިކުރަނީ މިހާރު ގްރާފުން މި ފެންނަ އިތުރުވުން މަޑުޖައްސާލުމަށް." ބޮރިސް ޖޮންސަން ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި ފަރުދީ ޒިންމާ އިސްކޮށް ރައްޔިތުން އެންމެ އިސްކަމެއް ދޭންވީ އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްކަމަށްވެސް އިނގިރޭސި ބޮޑު ވަޒީރު ވިދާޅުވިއެވެ.

ބޮރިސް ޖޮންސަން ވަނީ އިނގިރޭސިވިލާތުން މި ބަލި ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.