ޚަބަރު

ކޯވިޑް-19: ހުމާއި ރޯގާގެ އަލާމަތް ހުރިނަމަ ޚާއްސަ ކުރެވިފައިވާ ކްލިނިކްތަކަށް ދައްކަން ސަމާލްވެލައްވާ!


ކޯވިޑް 19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންވަނީ ހުމާއި ރޯގާގެ ބަލިތަކުގައި ފަރުވާހޯދުމަށް ވަކި ކްލިނިކްތައް ޤާއިމުކޮށްފައެވެ. ހުމާއި ރޯގާގެ އަލާމާތްތައް ފެންނަ ނަމަ، އެ ފަރާތަކަށް ޚާއްސަކޮށްފައިވާ ކްލިނިކަކަށް ދައްކަން ދިއުމަކީ، އެހެން މީހުންގެ ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.

ކޯވިޑް19 ގައި އާއްމުގޮތެއްގައި ފެންނަނީ އާއްމު ރޯގާއާއި ހުމުގައި ފެންނަ ފަދަ އަލާމާތްތަކެވެ. އެހެންކަމުން ހުމާއި ރޯގާއަށް ޚާއްސަ ކްލިނިކްތައް ކަނޑައެޅުމުގައި އެންމެ ބޮޑަށް ބަލާފައިވަނީ މީހާގެ ދަތުރުފަތުރު ހުރި ގޮތަށް ބަލާ ޑޮކްޓަރަށް ދާންޖެހޭ ކްލިނިކް ކަނޑައެޅުމަށެވެ. އަދި ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންނަށް ޚާއްސަކޮށްފައިވާ ކްލިނިކެއްވެސް ހިމެނެއެވެ.

ކޯވިޑް 19 ފެތުރުމުން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ބަލިވާ މީހުން އާއްމު ހޮސްޕިޓަލްތަކަށް ދިއުމުގެ ބަދަލުގައި، ފްލޫތަކަށް ޚާއްސަކޮށްފައިވާ ކްނިލިނިކްތަކަށް ދެއްކުމެވެ.

އެގޮތުން ހުމާއި ރޯގާގެ އަލާމާތްތަކަށް ޚާއްސަކޮށްގެން 3 ކްލިނިކެއްވަނީ ޤާއިމުކޮށްފައެވެ. އެގޮތުން ޤާއިމުކޮށްފައިވާ ކްލިނިކްތަކަކީ ޓްރެވެލް ކްލިނިކާއި، ފްލޫ ކްލިނިކާއި، އަދި ބިދޭސީންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ހަދާފައިވާ ކްލިނިކެވެ.

ޓްރެވެލް ކްލިނިކަކީ ވޭތުވެދިޔަ 10 ދުވަހު ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އެނބުރި ރާއްޖެ އައިސްފައިވާ ފަރާތެއްގެ ގައިން ހުމާއި ރޯގާގެ ޢަލާމާތެއް ފެންނަ ނަމަ ދެއްކުމަށް ޤާއިމުކުރި ކްލިނިކެވެ. އަދި ހަމަ މިއާއިއެކު ދަތުރުކުރި މީހާގެ އިތުރަށް އެފަރާތަކާއި ކޮންޓެކްޓްވެފައިވާ ފަރާތެއްގެ ގައިން ހުމާއި ރޯގާގެ އަލާމާތެއް ފެންނަ ނަމަވެސް ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދެނީ ޓްރެވަލް ކްލިނިކަށެވެ.

މި ކްލިނިކްގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރަށް، އެޑްމިޓް ކޮށްގެން ފަރުވާ ދޭންޖެހިއްޖެ ޙާލަތެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެނޭ އިންތިޒާމުތައްވެސްވަނީ ހަމަޖައްސާފައެވެ. އަދި ކޯވިޑް 19 އަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެނަމަ، އެމީހާގެ ސާމްޕަލް ނަގައި ޓެސްޓުތައް ހެދުމަށް އައިޖީއެމް ހޮސްޕިޓަލަށް ފޮނުވޭނެ އިންތިޒާމްތައްވެސް ކްލިނިކްގައި ހަމަޖެހިފައި ހުންނާނެއެވެ.

ޓްރެވަލް ކްލިނިކް ހުންނަނީ ސިނަމާލެ 2 ފުރަގަހުގައެވެ. ކްލިނިކަށް ދައްކަންދާއިރު އައިޑީކާޑް ނުވަތަ ޕާސްޕޯޓް ގެންދިއުމުން މުޅިން ހިލޭ ކްލިނިކްގެ ފަރުވާ ލިބޭނެއެވެ. އެހެން ކްލިނިކްތަކާއި ޚިލާފަށް ޓްރެވަލް ކްލިނިކްގެ ޚިދުމަތް 24 ގަޑިއިރު ދިނުމަށްވަނީ ހަމަޖައްސާފައެވެ.މި ކްލިނިކަށް މިހާތަނަށް 270 އަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ.

ދެން ހިމެނެނީ އާއްމު ޙާލަތްތަކުގައި ޖެހޭ ހުމާއި ރޯގާއަށް ޑޮކްޓަރަށް ދެއްކުމަށް ސެނެހިޔާގައި ޤާއިމުކޮށްފައިވާ ފްލޫ ކްލިނިކެވެ. ފްލޫ ކްލިނިކަށް ދެއްކުމަށް އިރުޝާދުދެނީ ވޭތުވެދިޔަ 14ދުވަހު ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ނުވާ ފަރާތެއްގެ ގައިން ހުމާއި ރޯގާގެ އަލާމާތްތައް ފެންނަ ނަމައެވެ. މި ކްލިނިކަށް ދައްކަން އަންނައިރު އައިޑީ ކާޑް ގެންދިއުމުން އެއްވެސް އަގަކާއި ނުލާ ޚިދުމަތް ލިބޭނެއެވެ. ކްލިނިކްގެ ޚިދުމަތް ދޭ ވަގުތުތަކަކީ ހެނދުނު 09:00އިން ރޭގަނޑު 10:00އާއި ހަމައަށެވެ.
ފްލޫ ކްލިނިކަށް މިހާތަނަށް އެއްހާހަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ.

ރާއްޖެއަކީ އެކި މަސައްކަތްތަކުގައި ގިނަ އަދަދަކަަށް ބިދޭސީން އުޅެމުން އަންނަ ޤައުމެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންވަނީ ބިދޭސީންނަށް ޚާއްސަ ކްލިނިކެއް ހުޅުމާލޭގައި ޤާއިމުކޮށްފައެވެ. ހުޅުމާލޭ އޯޓިޒަމް ސެންޓަރު ކައިރިން ހުންނަ ކުރީގެ ޕްރީ ސްކޫލް ހިންގި އިމާރާތް މިހާރުވަނީ ބިދޭސީންނަށް ޚާއްސަ ކްލިނިކެއްގެ ގޮތުގައި ހަމަޖައްސާފައެވެ. ރޯގާއާއި ހުމުގެ އެއްވެސް އަލާމާތެއް ހުރިނަމަ ބިދޭސީން ޑޮކްޓަރަށް ދައްކަން ޖެހެނީ މި ކްލިނިކަށެވެ.

ރާއްޖޭގައި މިހާރުވެސް ލިޔެކިޔުންތައް ނެތި އުޅެމުން އަންނަ ގިނަ ބިދޭސީން ތިބިއިރު، މި ކްލިނިކްގެ ޚިދުމަށް މިއިން އެއްވެސް ލިޔެކިޔުމަކާއި ނުލާ ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މިކްލިނިކްގެ ޚިދުމަތްވެސްދެނީ އެއްވެސް އަގަކާއި ނުލައެވެ. ކްލިނިކްގެ ޚިދުމަތް ލިބޭ ވަގުތަކީ ހެނދުނު 10:00އިން ރޭގަނޑު 10:00އަށެވެ. ބިދޭސީންގެ ކްލިނިކަށް މިހާތަނަށް 65 މީހުންވަނީ ޑޮކްޓަރަށް ދައްކާފައެވެ.

އާއްމު ރޯގާތައް ޖެހުމުގެ ފުރުސަތު ބޮޑުވަނީ ބަލި މީހާއާއި ކޮންޓެކްޓް ވެފައިވާ މީހުންނަށެވެ. ކޯވިޑް 19 އަކީވެސް ގައިންގަޔަށް އަރާ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ވަކި ކްލިނިކްގެ ގޮތުގައި ކްލިނިކްތަކުގެ ޚިދުމަތް ދިނުމަށްވެސް ނިންމާފައިވަނީ މީހުންނާއި ކޮންޓެކްޓްވުން ވީހާވެސް މަދުކުރުމަށެެވެ. އެހެންކަމުން ހުމާއި ރޯގާގެ އަލާމަތް ހުންނަ މީހެއްނަމަ އެޗްޕީއޭގެ އިރުޝާދާއި އެއްގޮތަށް، އެކަމަކަށް ކަނޑައަޅާފައިވާ ކްލިނިކަކަށް ދެއްކުމުގެ ފަރުދީ ޒިންމާ ކޮންމެ މީހަކުވެސް އަދާކުރުމަށް ސަމާލްކަންދިނުން މުހިންމެވެ.