ޚަބަރު

ކޯވިޑް-19: ޚަރަދު ކުޑަކުރުމަށް މަޖިލިސް މެމްބަރުންގެ ކޮއްތު ކަނޑާލަނީ


ކޯވިޑް-19އާ ގުޅިގެން ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކޮއްތު ޚަރަދު ކަނޑާލުމަށް ނިންމަފައިވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ޙާލަތާއިއެކު ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާކަމަށެވެ. އެެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޚަރަދުތައް ކުޑަކުރެވޭނެ ގޮތްތަކެއްބަލައި އެކަންކޮށްދެއްބުމަށް ފިނޭންސް މިނިސްޓަރވެސް އެދިވަޑައިގެންފައިވާކަމަށެވެ.

މަޖިލީހުން ހިނގާ ޚަރަދުތަކުގެ ތެރެއިން ސަރުކާރުން އެދިވަޑައިގަންނަވާފައިވާ ގޮތަށް، 19.3 މިލިއަން ރުފިޔާ ކުޑަކޮށްދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. މަޖިލިސް ޚަރަދު ކުޑަކުރުމަށްޓަކައި މިހާރު ކޮއްތު ޚަރަދު ކަނޑާލުމަށް ނިންމަވާފައިވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިހުގެ ޖަލްސާއެއް އޮންނަ ކޮންމެ ދުވަހަކަށް ކޮންމެ މެމްބަރަކަށް ދުވާލަކު 159.88 ރުފިޔާ ހަރަދުވެއެވެ. މަޖިލިހުގައި 87 މެމްބަރުން ތިއްބަވާ އިރު، މެމްބަރުންގެ ކޮއްތަށް ދުވާލަކަށް 13000 އަށްވުރެ ގިނަ ރުފިޔާ ހަރަދުވެއެވެ.

މަޖިލީހުން ޚަރަދުކުޑަކުރުމުގެ މަސައްކަތްތަކެއް ކުރައްވަމުންދާއިރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުންވަނީ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %20 އުނިކޮށްދިނުމަށް މަޖިލިސް ރައީސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، މަޖިލީހުގެ މެމްބަރެއްގެ އަސާސީ މުސާރައަކީ މަހަކު 42500 ރުފިޔާއެވެ.